ރަޟާންމަހުގެ ފަހު ދިހައިގައިވެސް ޚިދުމަތް މެދުނުކެނޑި ލިބޭނެ: އިޤްތިސާދީ ވުޒާރާ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 17ސ
ރަޟާންމަހުގެ ފަހު ދިހައިގައިވެސް ޚިދުމަތް މެދުނުކެނޑި ލިބޭނެ: އިޤްތިސާދީ ވުޒާރާ

ރަމަޟާންމަހުގެ ފަހު ދިހައިގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅާފައިވީ ނަމަވެސް، އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއިން އާންމުންނާއި ވިޔަފާރިތަކަށް ދެމުންގެންދާ ޚިދުމަތްތައް މެދުނުކެނޑި ލިބޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

އެ ވުޒާރާއިން މިއަދު ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، ވިޔަފާރިއާބެހޭ ޚިދުމަތްތަކަށް އެދި ވަންގަވް އަދި ބިޒްނަސް ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބަންދު ދުވަސްތަކުގައިވެސް ޕްރޮސެސް ކުރަމުންދާނެ ކަމަށެވެ. މިގޮތުން ހުކުރު އަދި ހޮނިހިރު ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން 11:30 އަށް އެޕްލިކޭޝަންތައް ޕްރޮސެސް ކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.

ފޮރިން އިންވެސްޓްމަންޓް އެޕްލިކޭޝަން ފޯމު ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން އީމެއިލް މެދުވެރިކޮށް ފޯމު ހުށަހެޅޭނެ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. އަދި ފޮރިން އިންވެސްޓްމަންޓާ ބެހޭ މަޢުލޫމާތު ހޯދުމަށް ނުވަތަ ހުށަހަޅާފައިވާ އެޕްލިކޭޝަނަކާ ގުޅޭގޮތުން ސުވާލެއް އޮތްނަމަ، ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން 11:30 އަށް 3333181 ނުވަތަ 3333182 އަށް ގުޅުއްވުމަށް ވަނީ އެދިފައެވެ.

އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއިން އިތުރަށް ވިދާޅުވީ، އެ ވުޒާރާގެ ވިޔަފާރިއާބެހޭ ހުރިހާ ޚިދުމަތްތަކަކަށްވެސް އެދެވޭނީ ޑިޖިޓަލް ޕްލެޓްފޯމްތައް ކަމަށްވާ ވަންގަވް ނުވަތަ ބިޒްނަސް ޕޯޓަލް މެދުވެރިކޮށް ކަމަށެވެ. މިއީ ރަމަޟާންމަހުގެ ފަހު ދިހައިގެ ދުވަސްތަކުގައި ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް ލަސްވިޔަނުދީ ފޯރުކޮށްދިނުމަށް އެޅި ފިޔަވަޅެކެވެ.

މިއަދު އޮންލައިން