ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ބާއްވާ އެންމެ ބޮޑު އެއް މައުރަޒު ކަމަށްވާ އައިޓީބީ ބާލިން ފެއާ އަންނަ އަހަރު ހޯސްޓުކުރާ ގައުމަކަށް ދިވެހިރާއްޖެ ހަމަޖައްސައި، އެކަމުގެ ރަސްމީ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިހާރު ޖަރުމަނުވިލާތުގައި ކުރިއަށްދާ އައިޓީބީ ބާލިންގެ ރާއްޖޭގެ ސްޓޭންޑުގައެވެ. މި ރަސްމިއްޔާތުގައި ވިޒިޓް މޯލްޑިވްސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝިއުރީ އެވެ. އަދި މެސޭ ބާލިންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ މާރިއޯ ޓާބިއަސް އެވެ.
މި ނިންމުމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި ހާއްސަ އިންޓަރވިއުއެއްގައި ވިޒިޓް މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝިއުރީ ވިދާޅުވީ، މުޅި ދުނިޔޭގައިވެސް ފަތުރުވެރިކަމުގެ ދާއިރާއިން ބޭއްވޭ އެންމެ ބޮޑު އެއް ފެއަރ ހޯސްޓުކުރާ ގައުމަކަށް ރާއްޖެ ހަމަޖެހުނީ އެހެން ގައުމުތަކާ ވާދަކޮށްގެން ކަމަށެވެ. ޝިއުރީ ވަނީ މިއީ ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ފަހުރެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
މިއީ އައިޓީބީ ބާލިން ފެއާގެ ހޯސްޓް ކަންޓްރީގެ ގޮތުގައި ރާއްޖެ ހަމަޖެހުނު ދެވަނަ ފަހަރެވެ. މީގެ ކުރިން 2016 ވަނަ އަހަރުވެސް ރާއްޖެއިން ވަނީ މި ފެއާ ހޯސްޓުކޮށްފައެވެ.
ޝިއުރީ އިތުރަށް ވިދާޅުވީ، ހޯސްޓް ކަންޓްރީގެ ހައިސިއްޔަތުން އަންނަ އަހަރުގެ މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތާއި، މައުރަޒުގެ ތެރޭގައި ބާއްވާ އެކި ހަރަކާތްތަކުގައި ރާއްޖެއަށް ހާއްސަ އިސްކަމެއް ލިބިގެންދާނެ ކަމަށެވެ. މީގެ ސަބަބުން ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް އިތުރު ފުރުސަތުތަކެއް ފަހިވެގެންދާނެއެވެ.