ނިމިދިޔަ އަހަރުގެ ތެރޭގައި ރާއްޖެއަށް އެތެރެކޮށް ބޭނުންކުރުމަށްޓަކައި 363 ބޭހެއް ރަޖިސްޓްރީކޮށްދީފައިވާ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮޓޯރިޓީ (އެމްއެފްޑީއޭ) އިން ހާމަކޮށްފިއެވެ.
އެމްއެފްޑީއޭ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ތެރޭގައި ގިނަ އަދަދެއްގެ ބޭސް ރަޖިސްޓްރީކުރުމަށް އެ އޮޓޯރިޓީއަށް ވަނީ ހުށަހަޅާފައެވެ. އެގޮތުން ޖުމްލަ 594 ބޭހެއް ރަޖިސްޓްރީކުރުމަށް ހުށަހެޅި ނަމަވެސް، އޭގެ ތެރެއިން 231 ބޭހެއް ވަނީ ޝަރުތު ހަމަނުވުމުގެ ސަބަބުން ރިޖެކްޓްކޮށްފައެވެ.
ބޭސް ރަޖިސްޓްރީކުރުމުގެ އިތުރުން، ބޭސް ވިއްކުމުގެ ހުއްދަ ދޫކުރުމުގެ މަސައްކަތްތައް ވެސް އެމްއެފްޑީއޭ އިން ވަނީ ފުޅާދާއިރާއެއްގައި ކުރިއަށް ގެންގޮސްފައެވެ. އެގޮތުން މިދިޔަ އަހަރު އަލަށް 69 ފާމަސީއެއް ރަޖިސްޓްރީކޮށްފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ރަޖިސްޓްރީކުރި 33 ފާމަސީއާއި އަތޮޅުތެރެއިން ރަޖިސްޓްރީކުރި 36 ފާމަސީއެވެ.
މީގެ އިތުރުން، އެކި ސަބަބުތަކާ ހުރެ ބައެއް ފާމަސީތަކުގެ ހުއްދަ ބާތިލުކޮށްފައިވާކަން ވެސް އެމްއެފްޑީއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ. އެގޮތުން މާލެއިން 15 ފާމަސީއެއްގެ ހުއްދަ ބާތިލުކޮށްފައިވާއިރު، އަތޮޅުތެރެއިން 5 ފާމަސީއެއްގެ ހުއްދަ ވަނީ ބާތިލުކޮށްފައެވެ.
ބޭސް އިމްޕޯޓްކުރުމާއި ގުދަންކުރުމުގެ ދާއިރާއަށް ބަލާއިރު، މިދިޔަ އަހަރު އަލަށް 15 ފަރާތަކަށް ބޭސް އިމްޕޯޓްކޮށް ގުދަންކުރުމުގެ ހުއްދަ ދީފައިވެއެވެ. ނަމަވެސް، މި ދާއިރާގައި ހަރަކާތްތެރިވި 30 ފަރާތެއްގެ ހުއްދަ އެކި ސަބަބުތަކާ ހުރެ ހިފަހައްޓާފައިވާ ކަމަށް ވެސް އެމްއެފްޑީއޭ އިން މައުލޫމާތު ދެއެވެ.