ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ "ސްޓޭޓް ޔުޓިލިޓީ ސްކިލްސް އެކަޑަމީ" އިން ހިންގި "ކަމިންސް ކޭޓީއޭ 19 ސާވިސް ޓްރެއިނިންގ" ގެ ދެވަނަ ބެޗުގައި ހިމެނޭ އެ ކުންފުނީގެ 10 މުވައްޒަފަކު ތަމްރީނު ފުރިހަމަކޮށްފިއެވެ. މިއީ އެ ކުންފުނީގެ ފަންނީ ދާއިރާތަކުން މުވައްޒަފުން ބިނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިންގުނު ޕްރޮގްރާމެކެވެ.
ސްޓެލްކޯއިން މިއަދު ހާމަކުރި ގޮތުގައި، މި މަހުގެ ހަތަރަކުން 12 އަށް ކުރިއަށް ގެންދިޔަ މި ތަމްރީނުތަކުގައި ބައިވެރިވެފައިވަނީ އަތޮޅުތެރޭގެ އިންޖީނުގެތަކުގައި މަސައްކަތްކުރާ 10 މުވައްޒަފުންނެވެ. މި ތަމްރީނުތަކުގެ ސަބަބުން އަތޮޅުތެރޭގެ ރަށްރަށުގައި ދެވޭ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެ ކަމަށް އެ ކުންފުނިން އުންމީދު ކުރެއެވެ.
މި ތަމްރީނު ޕްރޮގްރާމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ މަސައްކަތުގެ މާހައުލުގައި ހިފަހައްޓަންޖެހޭ ފަންނީ އަދި ސުލޫކީ މިންގަނޑުތަކަށެވެ. މީގެ އިތުރުން ކަމިންސް ކޭޓީއޭ 19 އިންޖީނާއި ގުޅުންހުރި ފަންނީ މައުލޫމާތާއި އަމަލީ ތަމްރީނުތައް ބައިވެރިންނަށް ވަނީ ފޯރުކޮށްދީފައެވެ.
މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދިނުމުގެ ގޮތުން، މި ޕްރޮގްރާމުގެ ތެރޭގައި ފަސްޓް އެއިޑާއި، އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމާއި އަލިފާން ނިއްވުމުގެ ގަވާއިދުތަކަށް ބައިވެރިން އަހުލުވެރިކުރުވާފައިވާ ކަމަށްވެސް ސްޓެލްކޯއިން ވިދާޅުވިއެވެ.
ސްޓޭޓް ޔޫޓީލިޓީ ސްކިލްސް އެކެޑެމީއަކީ މުޖުތަމައުގައި އިންޖިނިއަރިންގެ ދާއިރާއަށް ޝައުޤުވެރިކަން އިތުރުކޮށް، އެ ދާއިރާއިން މީހުން ބިނާކުރުމުގެ މަގްސަދުގައި އުފައްދާފައިވާ ތަނެކެވެ. މި އެކެޑެމީގެ މައިގަނޑު އަމާޒަކީ ރާއްޖޭގައި ދެވޭ އިންޖިނިއަރިންގާއި ގުޅޭ ހިދުމަތްތަކުގެ ފެންވަރު މަތިކޮށް، ދާއިރާގެ ކުރިއެރުމަށް މަސައްކަތް ކުރުމެވެ.