ދިވެހިރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި އިންޑިއާގެ ދެ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 21 އަހަރުގެ ކަތިރިވިލް މަނިމަރަން އާއި 19 އަހަރުގެ ދަނޫޝްކާނދަން ގޯޕާލް ނަމަކަށް ކިޔާ ދެ މީހުންނެވެ.
މި ދެ މީހުންގެ ބަންދުގެ މުއްދަތާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އެ މީހުން ބަންދުގައި ބޭތިއްބުމަށް ހަ ދުވަހުގެ މުއްދަތެއް ދީފައެވެ. ކޯޓު މަރުހަލާގައި އެ ދެ މީހުންވެސް ވަނީ ގާނޫނީ ވަކީލެއްގެ އެހީތެރިކަން ބޭނުންވާކަން ފާހަގަކޮށްފައެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި، މި ދެ މީހުން ރާއްޖެ އައި ވަގުތު އެ މީހުންގެ އަމަލުތައް ހުރިގޮތުން ޝައްކު ކުރެވިގެން ކަސްޓަމްސް އިން އެ މީހުންގެ ފޮށިތައް ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި އަޅާފައި ހުރި ފުޅިތަކެއް ވަނީ ފެނިފައެވެ. މި ތަކެތި ފެނިފައިވަނީ އެ މީހުން ރާއްޖެ އެތެރެވާން އުޅުނު ވަގުތު ކަސްޓަމްސް އޮފިސަރުން ހިންގި ބަލައި ފާސްކުރުމުގެ ތެރެއިންނެވެ.
އެ ފުޅިތަކުގައި ހުރި ތަކެތި ތަހުލީލު ކުރި އިރު، އެއީ ހަޝިޝް އޮއިލް ކަމަށް ދައްކާފައިވާ ކަމަށާއި، އެ ތަކެތީގެ ވަގުތީ ބަރުދަނުގައި ޖުމްލަ 6.7 ކިލޯ ހުރި ކަމަށް ފުލުހުންގެ އިދާރާއިން ހާމަކޮށްފައިވެއެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.