ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންމެ އިސްވެރިޔާ ނުވަތަ ކޮމިޝަނަރު އޮފް ޕޮލިސްގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ. މިކަން ހާމަކުރައްވާފައިވަނީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާއިންނެވެ.
އެ ވުޒާރާއިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ފުލުހުންގެ ޚިދުމަތުގެ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސްގެ ރޭންކުން ފެށިގެން މަތީ ރޭންކުތަކުގައި މިވަގުތު ތިއްބެވި އޮފިސަރުންނަށެވެ. މިއީ ފުލުހުންގެ ޤާނޫނުގެ ދަށުން ކޮމިޝަނަރުގެ މަޤާމަށް ބޭފުޅަކު އައްޔަންކުރުމަށް ކުރަންޖެހޭ މަރުހަލާތަކުގެ ތެރެއިން ކުރެވުނު އިޢުލާނެކެވެ.
ކޮމިޝަނަރު އޮފް ޕޮލިސްގެ މަޤާމަށް ކުރިމަތިލުމަށް ބޭނުންވާ ޝަރުތު ހަމަވާ އޮފިސަރުންނަށް އެ ފުރުސަތު އޮންނާނީ މި މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މުއްދަތުގެ ތެރޭގައި ކުރިމަތިލައްވާ ބޭފުޅުންގެ ތެރެއިން ޝަރުތު ހަމަވާ ބޭފުޅުންގެ ނަންތައް ދިރާސާކުރުމަށްފަހު އައްޔަންކުރުމުގެ ކަންކަން ކުރިއަށްދާނެއެވެ.
ކޮމިޝަނަރު އޮފް ޕޮލިސްގެ މަޤާމު ހުސްވެފައިވަނީ އެ މަޤާމުގައި އެންމެ ފަހުން ހުންނެވި އިސްމާއީލް ނަވީން ޝަރަފުވެރިކަމާއެކު ފުލުހުންގެ ޚިދުމަތުން ވަކިވެވަޑައިގަތުމާ ގުޅިގެންނެވެ. ނަވީން ވަނީ ގިނަ ދުވަސްތަކެއް ވަންދެން ފުލުހުންގެ ޚިދުމަތުގައި އިޚްލާޞްތެރި މަސައްކަތްތަކެއް ކުރައްވާފައެވެ.