ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) ގެ ކެމްޕަހެއް ބ. އޭދަފުށީގައި ބިނާކުރުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް މިއަދު ފަށައިފިއެވެ. މި މަޝްރޫޢުގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. ޢަލީ ޙައިދަރު އަޙްމަދެވެ.
މި މަޝްރޫޢަކީ އަތޮޅުތެރޭގައި މަތީ ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް ފުޅާކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މި މަޝްރޫޢު ކުރިއަށްދަނީ ސަރުކާރުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީ.އެސް.އައި.ޕީ) ގެ ދަށުންނެވެ.
އޭދަފުށީގައި ބިނާކުރާ މި ކެމްޕަހުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާއެވެ. މި ކެމްޕަސް ނިމުމުން ބ. އަތޮޅުގެ ދަރިވަރުންނަށް ރަށުގައި ތިބެގެން މަތީ ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.
މި މަޝްރޫޢަކީ ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ތަޢުލީމީ ދާއިރާ ފުޅާކޮށް، މާލެއަށް ބަރޯސާވާ މިންވަަރު ކުޑަކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެކެވެ. މީގެ ސަބަބުން އަތޮޅުގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ކުރިއެރުމަށްވެސް ބޮޑު ބާރަކަށް ވެގެންދާނެ ކަމަށް ބެލެވެއެވެ.