މިޙާދިސާ މިގެނެސްދެނީ ރަމަޟާންމަހަށް ހަދިޔާއެއްގެ ގޮތުންނެވެ. މިއީ ވީހާގިނައިން ހެޔޮ ޢަމަލުތައް ކުރުމުގެ މައްސަރުކަމަށްވާތީއެވެ. ދަތިޙާލުގައި އުޅެންޖެހިފައިވާ މީހުންނަށް އެހީތެރިވުމުގެ މައްސަރުކަމަށްވާތީއެވެ.
ނިކަމެއްޗަކާއި ބައްދަލުވިނަމަވެސް ޙާލު އޮޅުންފިލުވައިލުން މިއަދު މިއޮންނަނީ ވަރަށް ބޮޑު ކަމަކަށްވެފައެވެ. އެކަންކުރަނީ ވަރަށް މަދުމީހެކެވެ. އެހެންނަމަވެސް ވިސްނާލަން އޮތް ކަމަކީ ނިކަމެއްޗަކު ކަމަކު އެދިގެން އަތުވެއްޖެނަމަ އަދި ބައްދަލުވިނަމަވެސް އެއީ ތިމާއަށް ﷲ ތަޢާލާ ލެއްވެވި ބޮޑު ރަޙްމަތެއް ކަމެވެ. އެހެނީ އޭނާއަށް އެހީތެރިވުމުން އެމީހަކަށް ﷲ ތަޢާލާ އެހީތެރިވެވޮޑިގަންނަވާނެތީއެވެ.
ތިރީގައި އެވަނީ ޢިބްރަތްތަކުން ފުރިފައިވާ ވާހަކައެވެ. ވާހަކައިގައި ކިޔުންތެރިޔާ ނުހިމަނައި އޮތް ބައި އަޅުގަނޑު ފާހަގަކޮށްލާނަމެވެ. އެއީ ނިކަމެތި އަންހެންކުއްޖަކަށް ހަމްދަރުދީ އުފެދި ﷲ ތަޢަލާއަށްޓަކައި އޭނާގެ ޙަޤީޤަތް އޮޅުން ފިލުވަން އިސްނަގައިގެން ކިޔުންތެރިޔާ ކުރި މަސައްކަތެވެ. ހުރިހާ ނިޢުމަތްތަކެއް ލިބެން މެދުވެރިވީ ކިޔުންތެރިޔާ އެކަން ކުރީތީއެވެ.
ނިކަމެތިންނަށް އެހީތެރިވާންވީ އެހީއަށް އެދިގެން ސަލާންޖެހުމުން ނޫންކަމަށާއި ދަތިޙާލުގައި ދިރިއުޅޭ ފަޤީރުން އަމިއްލައަށް ހޯދައިގެން ކަމަށް ބުނެވެނީ މިފަދަ ސަބަބުތަކަށްޓަކައެވެ.
ތިރީގައިވާ ވާހަކަ ވިދާޅުވެލައްވާށެވެ! ޢިބްރަތެއް ނޫނެވެ! ޢިބްރަތްތަކެއް ޙާޞިލްކުރައްވާށެވެ!
އެއީ ޢުމުރުން 14، 15 އަހަރުގެ އަންހެން ކުއްޖެކެވެ. ކޮންމެ ދުވަހަކު ހެދިކާ ހަދައިގެން އަވަށްޓެރި ގޭގެއަށް ހިނގައި ވިއްކަން މަސައްކަތްކުރެއެވެ. އެއީ އެކުއްޖާ ކޮންމެ ދުވަހަކު ކުރާ ކަމަކަށްވާތީ އެއްވެސް މީހަކު މާބޮޑު ސަމާލުކަމެއް ނުދެއެވެ. ނަމަވެސް ގިނަ ގޭގެއިން އެ ކުއްޖާ އަތުން ހެދިކާ ގަނެއެވެ. ރަހަ މީރުވެފައި ސައިޒުން ބޮޑެތިވެފަ އަދި ހޮޓާތަކާ އެއްއަގުގައި ވިއްކާތީއެވެ.
ދުވަސްކޮޅަކު އެކުއްޖާގެ އަތުން ހެދިކާ ގަތުމަށްފަހު އެއް ދުވަހަކު ހެދިކާ ވިއްކަން އައުމުން އެ ކުއްޖާ ގޭތެރެއަށް ވައްދައި ސިޓިންގ ރޫމްގައި ބައިންދާފައި އެކުއްޖާގެ މަސައްކަތަށް ތަޢްރީފްކުރީމެވެ. އަދި ހެދިކާ ހަދަނީ ކާކުތޯ ސުވާލުކުރުމުން އެ ކުއްޖާ ބުނީ އަމިއްލައަށް ކަމަށެވެ. ދަސްކޮށްދިނީ ކާކުތޯ ސުވާލުކުރުމުން ބުނީ މަންމަ ކަމަށެވެ.
މަންމަ އާއި ބައްޕަ ކުރަނީ ކޮން މަސައްކަތެއްތޯ ސުވާލުކުރުމުން ރޮމުން ރޮމުން ނުކުމެ ހިނގައިގަތީއެވެ. އެއްވެސް ޖަވާބެއް ނުދެއެވެ. އެހެންވެ މީސްމީހުން ގާތުން މައުލޫމާތު އޮޅުން ފިލުވައިގެން އެކުއްޖާ އުޅޭ ގެއަށް ދިއައީމެވެ.
ހިތްފަޅައިގެން ނުދިއައީ ކިރިޔާއެވެ. މަންމަ އޮތް ބަލިޙާލު ފެނިފައެވެ. ފިރިމީހާގެ މައުލޫމާތު އޮޅުންފިލުވުމުން އެނގުނީ ކުއްޖާ ވަރަށް ކުޑައިރު ދެމައިން ދޫކޮށްލާފައި ދިއަ ގޮތަށް ޚަބަރެއްވެސް ނުވާކަމެވެ. އެކުއްޖާ ހެދިކާ ހަދައިގެން ވިއްކަނީ މަންމަ އާއި އޭނާގެ ޚަރަދުތައް ބެލެހެއްޓުމަށެވެ. ސަލާން ނުޖަހަންވެގެންނެވެ.
ވަރަށް އަސަރުކުރިއެވެ. އަތުގައި އެވަގުތު ހުރި މިންވަރުން ފައިސާކޮޅެއް ދީފައި ގެއަށް އައިސް ފިރިމީހާއަށް އެވާހަކަ ކިޔައިދިނީމެވެ. ފިރިމީހާއަށްވެސް ވަރަށް އަސަރުކުރިއެވެ. އަދި އަނެއް ދުވަހު ފިރިމީހާ އެގެއަށް ގޮސް އެއަންހެން މީހާ ހޮސްޕިޓަލަށް ގެންގޮސް އެޑްމިޓްކޮށް ފަރުވާދޭން ފެށިއެވެ. ދެމައިންގެ ޚަރަދުތައް ބަލަހައްޓަން ފެށިއެވެ.
އަންހެން މީހާއަށް ޝިފާ ލިބިގެން ހޮސްޕިޓަލުން ނުކުމެވުނީ 2 މަސްދުވަސްފަހުންނެވެ. ކުރަންޖެހުނު ޚަރަދުގެ ވާހަކަ ދެއްކުމުގެ އެއްވެސް ބޭނުމެއް ނެތެވެ. ދެއްވަވާނެކަމަށް އުންމީދުކުރާ ޘަވާބުގެ އިތުރުން ދުނިޔޭގައިވެސް ލިބުނު ބަދަލު ވަރަށް ފުރިހަމައެވެ. މުޅި ދުނިޔެއާއި ނުބައްދަލެވެ.
ފިރިމީހާއަކީ މެދުމިނުގެ ތަނަވަސް މީހެކެވެ. ނަމަވެސް ކޮންމެ އެއްޗަކީ ފައިސާއިން ގަނެވޭނެ އެއްޗަކަށް ނުވާތީ އެންމެ ބޮޑު ނިޢްމަތުން އަހަރެމެން ތިބީ މަޙްރޫމްވެފައެވެ. އެއީ ދަރިއަކު ލިބުމެވެ. އެކަމަށް އަހަރެމެން ނުކުރާ މަސައްކަތެއް ނުއޮންނާނެއެވެ. ނަމަވެސް ކައިވެންޏަށް 12 އަހަރުވީއިރުވެސް ވަނީ ދަރިއަކު ނުލިބިފައެވެ.
އަދިވެސް އެއްފަހަރު ނަމަވެސް ކިޔާފައި ބުނަން އޮތީ އަޅުގަނޑުގެ ފިރިމީހާ އެއަންހެން މީހާ ހޮސްޕިޓަލަށް ގެންދިއަތާ އެއް އަހަރުފުރުނު ދުވަސް އެއީ އަޅުގަނޑުގެ ފުރަތަމަ ދަރިފުޅު ވިހޭ ދުވަހެވެ. ފުލުފުލުގައި 3 ދަރިން ވަނީ ލިބިފައެވެ. ރޫޙް މަރުވެ ފަޅުވެފައި އޮތް ގޭތެރެ އުޖާލާވެ އަލިވެގެން ދިއަ 3 ބައްތި އެކުއެކުގައި ދިއްލުނީއެވެ.
އެއިގެ ފަހުން މިހާރު 15 ވަރަކަށް އަހަރުވީއެވެ. އެދެމައިންނަކީ ހަމަ އަހަރެމެންގެ ޢާއިލާގެ އެއްބައިގެ ގޮތުގައި މިގެންދަނީ ބަލަމުންނެވެ. އެދެމައިންވެސް ދެކެނީ އަހަރެމެންނަކީ އެމީހުންގެ ޢާއިލީ ބައެއްގެ ގޮތުގައެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް ދަންނަވާލަން ބޭނުންވަނީ "މީސްތަކުންނަށް އެހީތެރިވުމުގައި ތިމާ ދެމިހުންނަހައި ދުވަހަކު އެމީހަކަށް އެހީތެރިވެ ވޮޑިގަތުމުގައި ﷲ ތަޢާލާ ދެމިވޮޑިގެންވާނެ" ކަމަށް އޮންނަ ޙަދީޘް ބަސްފުޅުގެ ތެދުކަން އަހަރެމެން ކިތަންމެ ރަނގަޅަކަށްވެސް ތަޖުރިބާކޮށްފީމެވެ.
އަދި ޞަދަޤާތް ކުރުމުން މަދުނުވާނެކަމާއި ވާނީ އިތުރުކަންވެސް ތަޖުރިބާކޮށްފީމެވެ. އެދެމައިންގެ ކަންކަން ބެލެހެއްޓުމުގެ އިތުރު މީހުންނަށްވެސް ފިރިމީހާ މިހާރުދަނީ އެހީތެރިވަމުންނެވެ. ނަމަވެސް އަތަކުން މަދެއް ނުވެއެވެ. ވަނީ އިތުރެވެ.
މީގެ އިތުރުން ސަލާންޖެހުމަށްވުރެ ބުރަކަށީގައި ދަރު އުފުލުންވެސް މާރަނގަޅުކަމަށް އޮތް ޙަދީޘްފުޅުގެ ތެދުކަން ވެސް މިވަނީ އެނގިފައެވެ. އެކުއްޖާގެ ޙަޤީޤަތް އޮޅުންފިލުވަން އަޅުގަނޑުގެ ހިތުގައި ޝައުޤްވެރިކަން އުފެދުނު ސަބަބަކީ އެދެމައިން މިޙަދީޘްފުޅަށް ޢަމަލުކުރުން ކަމުގައި ނުވާންވީ ސަބަބެއް ނުވިސްނެއެވެ!
ތިއަބޭފުޅުންވެސް ތަޖުރިބާ ކޮށްލެއްވުން ކީއްތޯއެވެ؟
- ޝެހްނާޒް މޫސާ / މިއަދުނޫހުގެ ކިޔުންތެރިއެއް