މިއަދު މާލޭގެ ހުރިހާ މިސްކިތްތަކެއްގައި އިމާމުވެ ހުކުރު ކުރެއްވީ ޒުވާން ޚަޠީބުންނެވެ.
އެގޮތުން މާލޭގެ އެންމެ ބޮޑު މިސްކިތްތައްކަމަށްވާ އިސްލާމީ މަރުކަޒާއި ސަލްމާން މިސްކިތް ހިމެނޭހެން 26 މިސްކިތެއްގައި މިއަދު ޒުވާން ޚަޠީބުން އިމާމުވެ ހުކުރު ކުރައްވާފައިވެއެވެ.
އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ، ޒުވާން ޚަޠީބުންނަށް މި ފުރުސަތު ދޭން ނިންމާފައިވަނީ އު ޒުވާނުންގެ ލީޑާޝިޕް ބަލައިގަންނަކަމާއި އިސްލާމީކަންކަން ހިންގުމާއި އިސްލާމީ ޚިދުމަތުގައި އެ ޒުވާނުންނަށް އޮތް ފުރުސަތުގެ ތަނަވަސްކަން ޔަޤީންކޮށްދިނުމަށްކަމަށެވެ.
އަދި މިއީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޒުވާން ޖީލު ބިނާކުރެއްވުމަށް ފެއްޓެވި މަސައްކަތްޕުޅަށް ބާރު ދިނުމުގެ ގޮތުން ކުރެވިގެންދާކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ފަށާފައިވާ ޒުވާން ޚަޠީބުން ތަމްރީން ޕްރޮގުރާމުގެ ދަށުން މިހާތަނަށް 500 އަށްވުރެ ގިނަ ޒުވާން ޚަޠީބުން ތަމްރީންކުރެވިފައިވާއިރު ވުޒާރާގެ އަމާޒަކީ މި ފަސް އަހަރު ތެރޭގައި 1000 ޒުވާން ޚަޠީބުން ތަމްރީން ކުރުމެވެ.
ހަބަރު: އިސްލާމިކް މިނިސްޓްތީ