ފަހު ދިހައެއްގައި 35 މިސްކިތެއްގައި ދަމު ނަމާދު ކޮށް އަދި 25 މިސްކިތެއްގައި އިޢުތިކާފަށް ތިބެވޭނެ: ވުޒާރާ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 23ސ
ފަހު ދިހައެއްގައި 35 މިސްކިތެއްގައި ދަމު ނަމާދު ކޮށް އަދި 25 މިސްކިތެއްގައި އިޢުތިކާފަށް ތިބެވޭނެ: ވުޒާރާ

މިއަހަރުގެ ރަމަޟާންމަހުގެ ފަހު ދިހައެއްގައި މާލޭ ސަރަހައްދުގެ 35 މިސްކިތެއްގައި ދަމު ނަމާދު ކުރާނެކަމަށާއި އަދި 25 މިސްކިތެއްގައި އިޢުތިކާފަށް ތިބެވޭނެ އިންތިޒާމް ހަމަޖައްސާފައިވާކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ. މިއީ ކޮންމެ އަހަރެއްގެވެސް ރަމަޟާންމަހުގެ ފަހު ދިހައެއްގައި އަޅުކަމަށް އިސްކަންދޭ ފަރާތްތަކަށް ފުރުސަތު ހުޅުވާލުމުގެ ގޮތުން އެ ވުޒާރާއިން ކުރިއަށްގެންދާ އިންތިޒާމެކެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި މާލެ ސަރަޙައްދުގައި ދަމުނަމާދު ކުރުމަށް ހަމަޖެހިފައިވާ 35 މިސްކިތުގެ ތެރޭގައި ހިމެނެނީ މާލޭގެ 21 މިސްކިތަކާއި ވިލިމާލޭގެ 3 މިސްކިތެކެވެ. މީގެ އިތުރުން ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ 6 މިސްކިތެއްގައާއި ދެވަނަ ފިޔަވަހީގެ 5 މިސްކިތެއްގައިވެސް ދަމުނަމާދު ކުރާގޮތަށް ވަނީ ހަމަޖައްސާފައެވެ.

އިޢުތިކާފަށް ތިބުމަށް ބޭނުންވާ ފަރާތްތަކަށް މާލޭ ސަރަހައްދުން ޖުމްލަ 25 މިސްކިތެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން މާލޭގެ 16 މިސްކިތެއްގައި އިޢުތިކާފަށް ތިބެވޭނެ އިންތިޒާމް ހަމަޖައްސާފައިވާއިރު، ވިލިމާލޭގެ މަސްޖިދުލްބިއްރީގައިވެސް އެ ފުރުސަތު އޮންނާނެ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

ހުޅުމާލޭގައި އިޢުތިކާފަށް ތިބުމަށް ހަމަޖެހިފައިވަނީ ފުރަތަމަ ފިޔަވަހީގެ 5 މިސްކިތަކާއި ދެވަނަ ފިޔަވަހީގެ 3 މިސްކިތެއްގައެވެ. މި އިންތިޒާމްތަކަކީ ރަމަޟާންމަހުގެ ފަހު ދިހައެއްގެ މަތިވެރި ސަވާބާއި ދަރުމަ ހޯދުމަށް މަސައްކަތްކުރާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމަށް އެކުލަވާލާފައިވާ އުސޫލުތަކެކެވެ.

ކޮންމެ އަހަރެއްގެވެސް ރަމަޟާންމަހުގެ ފަހު ދިހައެއްގައި ދަމުނަމާދާއި އިޢުތިކާފަށް ތިބޭ މިސްކިތްތައް ކަނޑައަޅައި، އެ މިސްކިތްތަކުގައި އަޅުކަން ކުރެވޭނެ އެންމެހާ އިންތިޒާމްތައް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިލަރެސްކުރަމުން ގެންދެއެވެ.

މިއަދު އޮންލައިން