ދަރިވަރުންނަށް ފައިސާ ދޫކުރުމުގެ މަސައްކަތް ކުރިއަށް ވުރެ ވަނީ ރަނގަޅުވެފަ: ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 53ސ
ދަރިވަރުންނަށް ފައިސާ ދޫކުރުމުގެ މަސައްކަތް ކުރިއަށް ވުރެ ވަނީ ރަނގަޅުވެފަ: ވަޒީރު

ދަރިވަރުންނަށް ފައިސާ ދޫކުރުމުގެ މަސައްކަތް ކުރިއަށް ވުރެ ބޮޑަށް ރަނގަޅުވެފައިވާ ކަމަށް މަތީ ތަޢުލީމާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސަރުކާރުން ދޫކުރާ ލޯނު ސްކީމުގެ ދަށުން ކިޔަވާ ދަރިވަރުންނަށް ސްޓައިޕެންޑުގެ ގޮތުގައި ފައިސާ ދޭތާ 7 ވަރަކަށް އަހަރުވެފައިވާއިރު، އެ ސްޓައިޕެންޑުތައް މުރާޖާކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. ޚާއްޞަކޮށް އެންމެ ގިނަ ދަރިވަރުން ކިޔަވަމުންދާ ޤައުމުތަކުގައި ތިބި ދަރިވަރުންނަށް ދޫކުރާ ސްޓައިޕަންޑް މުރާޖާ ކުރުމުގެ މަސައްކަތް އަވަސް ކުރާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މި މުރާޖާކުރުމުގައި ބަލާނެ މުހިންމު ކަންތައްތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ކޮންމެ ޤައުމެއްގައި ވެސް ދިރިއުޅުމުގެ ޚަރަދުތައް މަތިވަމުން އަންނާތީ އެ ކަމަށް ބަލާނެ ކަމަށެވެ. "އެނގިވަޑައިގަންނަވާނެ ކޮންމެ ޤައުމެއްގައި ވެސް އޮންނާނެ ސްޓޫޑެންޓު ވިސާ ދޫކުރުމުގައި ބަލާ މިންގަނޑުތަކެއް. މިހާވަރަށް ކުއްޖާ އަތުގައި ފައިސާ ހުންނަން ޖެހޭނެޔޭ ވިސާ ދޫކުރުމުގެ ކުރިން. އެހެންވީމަ އެ ކަންތައްތަކަށް އަޅުގަނޑުމެން ބަލާނަން އެއް ކަމަކަށް،" ވަޒީރު ވިދާޅުވިއެވެ.

ދަރިވަރުންނަށް ފައިސާ ފޮނުވުމުގައި ދިމާވާ ލަސްތަކާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ، ގިނަ ފަހަރަށް އެހެން ދިމާވަނީ ޔުނިވާސިޓީތަކުން އިންވޮއިސް ލިބޭއިރު ފައިސާ ފޮނުވާ މުއްދަތު ހަމަވާން ހަފުތާއަކަށް ވެފައި އޮންނާތީ ކަމަށެވެ. އަދި ފައިސާ ދޫކުރުމުގެ ކުރިން ތިން އިދާރާއަކުން އެކަން ބަލަން ޖެހޭކަން ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ނަމަވެސް މިހާރު މި މައްސަލަ ވަރަށް ބޮޑަށް ހައްލުވެފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. "އާންމު ގޮތެއްގައި އަޅުގަނޑު ދެކެނީ މިހާރު ކުރިއަށް ވުރެ ބޮޑުތަން މިހާރު ރަނގަޅުވެއްޖެހެން ޕޭމަންޓުތައް ދަރިވަރުންނަށް ދިނުމުގައި. ބައެއް ފަހަރަށް ދަރިވަރުންނަށް ޕޭމަންޓު ދޭންވާ މުއްދަތުގެ ދެ ހަފުތާ ކުރިން ވެސް އަޅުގަނޑުމެންނަށް ޕޭމަންޓުތައް ދެވިފައި އެބަހުރި،" ޑރ. ޙައިދަރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، މިއަހަރުގެ ތެރޭގައި ފައިސާ ފޮނުވަން ޖެހޭ މުއްދަތުގެ ދެ ހަފުތާ ކުރިން، ގާތްގަނޑަކަށް 75 އިންސައްތަ ދަރިވަރުންނަށް ފައިސާ ދޫކުރަމުން އަންނަ ކަމަށެވެ.

މިއަދު އޮންލައިން