މުވައްޒަފަކު ވިހެއުމާ ގުޅިގެން ލިބޭ ޗުއްޓީއަށްފަހު އެނބުރި ވަޒީފާއަށް ނުކުންނަ ދުވަހުން ފެށިގެން، ދަރިފުޅުގެ ކަންކަން ބެލެހެއްޓުމަށްޓަކައި ޑިއުޓީ ވަގުތުން ދޭންޖެހޭ ވަގުތު ދަރިފުޅުގެ އުމުރުން ދެ އަހަރު ވަންދެން އިތުރުކުރުމަށް ވަޒީފާއާބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުގެ ކޮމިޓީން ފާސްކޮށްފިއެވެ. ސަރުކާރުގެ ފަރާތުން މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ މަޑަވެލި ދާއިރާގެ މެންބަރު މުޙައްމަދު ޝަމީޒެވެ.
މިހާރު އަމަލުކުރަމުންދާ ވަޒީފާއާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވަނީ، ވިހެއުމާ ގުޅިގެން ލިބޭ ޗުއްޓީ ނިމި ވަޒީފާއަށް ނުކުންނަ ދުވަހުން ފެށިގެން ދަރިފުޅުގެ އުމުރުން އެއް އަހަރު ވަންދެން، ދަރިފުޅުގެ ކަންކަން ބެލެހެއްޓުމަށް ދުވާލަކު ދެ ފަހަރު 30 މިނެޓުގެ ވަގުތުކޮޅެއް ދޭންޖެހޭނެ ކަމަށެވެ. ނަމަވެސް އަލަށް ހުށަހެޅި އިސްލާހުގައި ވަނީ އެ މުއްދަތު ދެ އަހަރަށް އިތުރުކުރުމަށް ހުށަހަޅާފައެވެ.
މި އިސްލާހުގައިވާ ގޮތުން، މުސާރައިން ނުކެނޑޭ ގޮތަށް ކޮންމެ ދުވަހަކުވެސް ދަރިފުޅު ގާތަށް ދިއުމަށް 30 މިނެޓުގެ ދެ ހުސްވަގުތުކޮޅު މުވައްޒަފަށް ދޭންޖެހޭނެއެވެ. މިއީ ކޮންމެ މުވައްޒަފަކަށްވެސް ޑިއުޓީ ވަގުތުގެ ތެރެއިން މިހާރު ލިބޭ އެއް ގަޑިއިރުގެ ހުސްވަގުތުގެ އިތުރަށް ދޭންޖެހޭ ވަގުތެއް ކަމަށްވެސް އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން، ވަޒީފާއިން ވަކިކުރުމުގައި ދޭންޖެހޭ ނޯޓިސްގެ މުއްދަތުތަކަށްވެސް މި އިސްލާހުގެ ދަށުން ބަދަލުތަކެއް ގެނައުމަށް ވަނީ ހުށަހަޅާފައެވެ. އެގޮތުން، މިހާރު ގާނޫނުގައި އޮންނަ ގޮތުން ހަ މަސް ދުވަހާއި އެއް އަހަރު ދުވަހާ ދެމެދުގެ މުއްދަތަކަށް ވަޒީފާގައި އުޅޭ މުވައްޒަފަކު ވަކިކުރާނަމަ ދެ ހަފުތާގެ މުއްދަތެއް ދޭންޖެހެއެވެ. ނަމަވެސް އާ އިސްލާހުގައި ވަނީ އެއް އަހަރަށްވުރެ ދިގު ނޫން މުއްދަތެއްގައި ވަޒީފާ އަދާކުރާ ކޮންމެ މުވައްޒަފަކަށްވެސް ދެ ހަފުތާގެ ނޯޓިސް ދޭންޖެހޭނެ ކަމަށް ކަނޑައަޅާފައެވެ.