މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވީ، ހަނގުރާމަހިނގާ ސަރަހައްދުތަކަށް ދިޔަ ދިވެހިންނާއި އެ މީހުން ގެންދިޔަ އާއިލާތައް އަނބުރާ ރާއްޖެއަށް ގެނެސް، ދޭންޖެހޭ ފަރުވާ ދިނުމަށްފަހު މުޖުތަމަޢަށް އަނބުރާ ނެރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިރުޝާދު ދެއްވާފައިވާ ކަމަށެވެ. އެގޮތުން ސީރިއާގެ ދެ ސަރަހައްދެއްގައި ހާލުގައި ޖެހިފައިތިބި 60 އެއްހާ ދިވެހިން ގެނައުމުގެ މަސައްކަތް ސަރުކާރުން މިހާރު ވަނީ ފަށާފައެވެ.
ވަޒީރު އިޙްސާން ވިދާޅުވީ ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް ކުރަމުންދަނިކޮށް، ހަނގުރާމައަށް ގޮސް އުޅުމަށްފަހު ތުރުކީއަށް ހިޖުރަކޮށް އެ ގައުމުގައި ތާށިވެފައި ތިބި ތިން ދިވެހިންގެ މައުލޫމާތު ލިބުނު ކަމަށެވެ. ތުރުކީ ސަރުކާރުން އެ މީހުން ހިފަހައްޓައި ދިވެހި ސަރުކާރަށް އެންގުމާއެކު، ކަމާބެހޭ މުއައްސަސާތައް މެދުވެރިކޮށް އެ މީހުން ގެނައުމުގެ މަސައްކަތް ވަނީ ކުރެވިފައެވެ.
މި މަސައްކަތުގެ ދަށުން މިހާތަނަށް ރާއްޖެ ގެނެސްފައިވަނީ 14 އަހަރުގެ އަންހެން ކުއްޖަކާއި އެ ކުއްޖާގެ މަންމައެވެ. ވަޒީރު ވިދާޅުވި ގޮތުގައި މި ދެ މައިން މިހާރު ތިބީ ނޭޝަނަލް ރީއިންޓެގްރޭޝަން ސެންޓަރުގައެވެ. "މި މަސައްކަތުގެ ނަތީޖާގެ ގޮތުން 14 އަހަރުގެ އަންހެން ކުއްޖަކާއި އެ ކުއްޖާގެ މަންމަ މިހާރު ވަނީ ރާއްޖެ ގެނެވި ނޭޝަނަލް އިންޓެގްރޭޝަން ސެންޓަރުގައި އެ ފަރާތްތަކަށް ދޭންޖެހޭ ޚިދުމަތް މިހާރު ދަނީ ދެމުން،" ވަޒީރު ވިދާޅުވިއެވެ.
ސަރުކާރުގެ އަމާޒަކީ މިފަދަ ހާލަތްތަކުގައި ބޭރު ގައުމުތަކުގައި ތާށިވެފައި ތިބި ދިވެހިން އަނބުރާ ގެނެސް، އެ މީހުންނަށް ބޭނުންވާ ނަފްސާނީ އަދި އިޖުތިމާއީ ފަރުވާ ދިނުމަށްފަހު، އަލުން މުޖުތަމަޢަށް ބޭނުންތެރި ބައެއްގެ ގޮތުގައި ނެރުމެވެ.