ހދ. ހަނިމާދުއާއި ހއ. އިހަވަންދޫގައި ފިއުލް ސަޕްލައި މޯލްޑިވެސް (އެފްއެސްއެމް) ގެ ފިއުލް ސްޓޭޝަންތައް ގާއިމުކޮށް، އެ ރަށްރަށުގައި ތެލުގެ ޚިދުމަތް ރަސްމީކޮށް ދޭން ފަށައިފިއެވެ.
މިއީ ރާއްޖޭގެ ހުރިހާ ހިސާބަކަށް ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ސަރުކާރުން އެސްޓީއޯއާއި އެފްއެސްއެމް ގުޅިގެން ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ. މި ސްޓޭޝަންތަކުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށާއި އުޅަނދުފަހަރަށް ތެޔޮ ހޯދުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.
މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ 18 ރަށެއްގައި ފިއުލް ސްކިޑް ހެދުމަށް އެސްޓީއޯއިން ވަނީ ނިންމާފައެވެ. މި ފިއުލް ސްކިޑްތަކަކީ ޚާއްޞަކޮށް މަސްވެރިންނަށާއި އާންމު ރައްޔިތުންނަށް މާލެއާ އެއް އަގަކަށް ނުވަތަ ހެޔޮ އަގެއްގައި ތެޔޮ ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް ސަރުކާރުން އިސްނަގައިގެން ފެށި މުހިންމު މަސައްކަތެކެވެ.
މަސްވެރިންނަށް ތެޔޮ ފޯރުކޮށްދިނުމަށްޓަކައި އެކި ރަށްރަށުގައި ގާއިމުކުރާ ފިއުލް ސްކިޑްތަކުގެ މަސައްކަތްތައް ބާރުސްޕީޑުގައި ކުރިއަށްދާއިރު، އެސްޓީއޯއިން ހާމަކޮށްފައިވާ ގޮތުގައި މުޅި މަޝްރޫޢުގެ 78 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.
މި އިންތިޒާމުގެ ދަށުން ރަށްރަށުގައި ގާއިމުކުރާ ފިއުލް ސްޓޭޝަންތަކުން ޚިދުމަތް ދޭން ފެށުމުން، ތެޔޮ ހޯދުމަށް ކުރަންޖެހޭ ޚަރަދު ކުޑަވެ، އިގްތިސާދީ ގޮތުން ރަށްރަށަށް ކުރިއެރުން ލިބޭނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.