ޒަމާނީ އީގޭޓްތަކުގެ ޚިދުމަތް އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ވީއައިއޭގެ އައު ޓާމިނަލުން ލިބޭނެ: އިހުސާން

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 38ސ
ޒަމާނީ އީގޭޓްތަކުގެ ޚިދުމަތް އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ވީއައިއޭގެ އައު ޓާމިނަލުން ލިބޭނެ: އިހުސާން

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އައު ޓާމިނަލުގައި ހަރުކޮށްފައިވާ ޒަމާނީ އީގޭޓްތަކުގެ ޚިދުމަތް އަންނަ އޭޕްރީލް މަހުގެ 1 ވަނަ ދުވަހުން ފެށިގެން ފަތުރުވެރިންނަށް ލިބޭނެކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙުސާން ވިދާޅުވެއްޖެއެވެ.

ވީއައިއޭގެ އައު ޓާމިނަލުގައި އެންމެ ޒަމާނީ އީގޭޓްތައް ހަރުކޮށް ބޭނުންކުރަން ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިޢުލާން ކުރެއްވީ 2024 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 19 ވަނަ ދުވަހުއެވެ. މި މަޝްރޫޢުގެ މައިގަނޑު މަގްސަދަކީ ވީއައިއޭ ބޭނުންކުރާ ދިވެހިންނާއި ފަތުރުވެރިން ބޯޑަރ ކޮންޓްރޯލް ކައުންޓަރުތަކުގައި ގިނައިރު ވަންދެން ކިއުގައި ހޭދަކުރަން ޖެހޭ ޖެހުން ނިމުމަކަށް ގެނައުން ކަމަށް ސަރުކާރުން ހާމަކުރައްވައެވެ.

ވީއައިއޭގެ އައު ޓާމިނަލުގެ އެރައިވަލް އާއި ޑިޕާޗަރ ހިމެނޭހެން ޖުމްލަ 20 ގޭޓް ހަރުކުރުމަށް ވަނީ ނިންމާފައެވެ. މީގެ ތެރެއިން ފުރަތަމަ 10 ގޭޓް ހަރުކޮށް ބޭނުންކުރަން މިހާރު ވަނީ ފަށާފައެވެ. މި ޚިދުމަތް ފެށިގެން އައީ ހަމައެކަނި ދިވެހީންނަށް ނަމަވެސް، އަންނަ މަހުން ފެށިގެން ރާއްޖެ އަންނަ ފަތުރުވެރިންނަށްވެސް މި ލުއިފަސޭހަކަން ލިބިގެންދާނެއެވެ.

މި މަސައްކަތުގެ ތަފްސީލް ހިއްސާކުރައްވަމުން ވަޒީރު އިހްސާން ވިދާޅުވީ، "މިވަގުތު 10 އީ-ގޭޓް އެރައިވަލް އަދި 10 އީ-ގޭޓް ޑިޕާރޗާގައި ވަނީ ޑިޕްލޮއިޑް ކުރެވި އޭގެ ހާޑްވެއާ އާއި އެއްކޮށް އިންސްޓޯލްކުރެވި ސޮފްޓްވެއަރ އިންސްޓޯލްކުރުމުގެ މަސައްކަތް ދަނީ ކުރަމުން" ކަމަށެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، އޭޕްރީލް 1 ގައި މި ޚިދުމަތްތައް ރަސްމީކޮށް ފަށާއިރު، ރާއްޖެ އަންނަ ކޮންމެ ފަތުރުވެރިއަކަށް ސީމްލެސް އެކްސްޕީރިއެންސެއް ލިބިގެން ރާއްޖެ ވަދެ ނިކުމުގެ ހެދޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ. މިއީ ރާއްޖޭގެ ބޯޑަރު ބެލެހެއްޓުމުގެ ނިޒާމު ހަރުދަނާކޮށް، ދަތުރުވެރިންނަށް ދޭ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ސަރުކާރުން ކުރަމުންދާ މުހިންމު މަސައްކަތެކެވެ.

މިއަދު އޮންލައިން