ޒިކުރާ މިސްކިތާއި ބަންޑާރަ މިސްކިތް ހުރި ތަނުގައި ޒަމާނީ ބޮޑު މިސްކިތްތަކެއް އަޅަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 39ސ
ޒިކުރާ މިސްކިތާއި ބަންޑާރަ މިސްކިތް ހުރި ތަނުގައި ޒަމާނީ ބޮޑު މިސްކިތްތަކެއް އަޅަނީ

މާލޭގެ މަޖީދީ މަގުގައި ވަގުތީ މިސްކިތެއްގެ ގޮތުގައި ހުރި ޒިކުރާ މިސްކިތާއި ބަންޑާރަ މިސްކިތް ހުރި ބިމުގައި ޒަމާނީ ބޮޑު މިސްކިތެއް އެޅުމަށް ސަރުކާރުން ނިންމަވައިފިއެވެ. މިކަން ހާމަކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައެވެ.

ވަޒީރު ވިދާޅުވީ މާލޭގެ މަޖީދީ މަގުގައި ގިނަ ދުވަސްތަކެއްވަންދެން ވަގުތީ މިސްކިތެއްގެ ގޮތުގައި ހުރި ޒިކުރާ މިސްކިތް ހުރި ތަނުގައި ޒަމާނީ ބޮޑު މިސްކިތެއް އެޅުމަށްޓަކައި ބޭނުންވާ އެހީ މިހާރު ހަމަޖެހިފައިވާ ކަމަށެވެ. އަދި މި މަޝްރޫޢަކީ މާލޭގެ މިސްކިތްތަކުގެ ޖާގައިގެ ދަތިކަމަށް ބޮޑު ހައްލެއް ލިބިގެންދާނެ މަސައްކަތެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ޒިކުރާ މިސްކިތުގެ އައު އިމާރާތުގެ ބިންގާ އެޅުމަށް ހަމަޖެހިފައިވަނީ މި ހިނގާ ރަމަޟާން މަހުގެ 27 ވިލޭރޭގައެވެ. ވަޒީރު ވިދާޅުވީ "މި މިސްކިތެއް އެޅުމަށްޓަކައި މި ރަމަޟާން މަހުގެ 27 ވިލޭރޭ ބިންގާ އަޅުމަށް އެހީ ދެއްވާ ފަރާތުން އެދިވަޑައިގެންފައިވާތީ އެކަން އެގޮތަށް ކުރިއަށްގެންދާނެ" ކަމަށެވެ. ނަމަވެސް މިހާރު ހުރި މިސްކިތް ތަޅާލައި އަމަލީ މަސައްކަތް ފަށާނީ ރަމަޟާން މަސް ނިމުމުން ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.

ޒިކުރާ މިސްކިތުގެ އިތުރުން މާލޭގެ ބަންޑާރަ މިސްކިތް ހުރި ތަނުގައިވެސް ޒަމާނީ ބޮޑު މިސްކިތެއް އެޅުމުގެ މަސައްކަތް ރޯދަ މަސް ނިމުމުން ފެށިގެންދާނެ ކަމަށް ވަޒީރު މިއަދު ވަނީ އިޢުލާނު ކުރައްވާފައެވެ. މި ދެ މިސްކިތަކީވެސް މާލޭގެ މުހިންމު ދެ ސަރަހައްދެއްގައި ހުރި، ގިނަ ބަޔަކު ނަމާދަށް އަރާ ދެ މިސްކިތެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި އިސްލާމީ ދާއިރާއިން ގިނަ މަޝްރޫޢުތަކެއް އަންނަނީ ކުރިއަށް ގެންދަމުންނެވެ. މިގޮތުން މިސްކިތްތައް މަރާމާތު ކުރުމާއި، އައު މިސްކިތްތައް ބިނާކުރުމުގެ މަސައްކަތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނީ ހިނގަމުންނެވެ.

މިއަދު އޮންލައިން