މަސްވެރިންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މަސްވެރިންގެ ތެރެއިން 89 މަސްވެރިއަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ލޯނު ދޫކޮށްފައިވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ. މިއީ މަސްވެރިންނަކީ ދައުލަތް ދަންނަ ބަޔަކަށް ހެދުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ދަށުން ލިބުނު ބޮޑު ކުރިއެރުމެކެވެ.
މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި، މިއީ 1 މެއި 2025 އިން ފެށިގެން ރަޖިސްޓްރީކޮށްފައިވާ މަސްވެރިންނަށް ދޫކޮށްފައިވާ ލޯނުގެ އަދަދެވެ. މަސްވެރިންނަކީ ދައުލަތް ދަންނަ ބަޔަކަށް ހެއްދެވުމަކީ މި ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު އެންމެ އިސްކަމެއް ދީގެން ކުރިއަށްގެންދާ އެއް މަސައްކަތެވެ.
މި ސަރުކާރުން މަސްވެރިންގެ ޤައުމީ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ފެށީ މަސްވެރިންނަށް މީގެކުރިން ކުރިމަތިވަމުންދިޔަ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމަށެވެ. މީގެ އެންމެ މުހިންމު އެއް ބޭނުމަކީ މަސްވެރިންނަކީވެސް އެހެން ވަޒީފާތަކުގައި އުޅޭ މީހުންނެކޭ އެއްފަދައިން ދައުލަތް ދަންނަ، އަދި ބޭންކުތަކުން ފަސޭހައިން ލޯނާއި އެނޫންވެސް މާލީ ޚިދުމަތްތައް ލިބޭނެ ބަޔަކަށް ހެދުމެވެ.
މަސްވެރިންނަށް ފަސޭހަކަމާއެކު ފައިނޭންސް ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށްޓަކައި ބޭންކް އޮފް މޯލްޑިވްސްއާއި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ އެޕްރީލް މަހުގެ 28 ވަނަ ދުވަހުއެވެ. މި އެއްބަސްވުމުގެ ދަށުން މަސްވެރިންނަށް ލޯނު ދޫކުރަން ރަސްމީކޮށް ފަށާފައިވަނީ މެއި މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.
މި ނިޒާމުގެ ސަބަބުން މަސްވެރިންނަށް ބޭންކުތަކުން މާލީ އެހީތެރިކަން ހޯދުމުގައި ހުރި ހުރަސްތައް ނެތިގޮސް، މަސްވެރިކަމުގެ ސިނާއަތުގައި އުޅޭ ފަރާތްތަކަށް އިގްތިސާދީ ގޮތުން އިތުރު ފުރުސަތުތައް ފަހިވެގެންދާނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.