އެއީ ވަރަށް ލޯބިން އެކުގައި އުޅެމުން އައި ދެމަފިރިންނެވެ. ފިރިމީހާއަކީ ތަނަވަސް މީހެކެވެ. އެހެންކަމާއިއެކުވެސް މެންދުރުގެ ކެއުން ތައްޔާރުކޮށްގެން ގެންގޮސްދެނީ އަނބިމީހާއެވެ. އެއީވެސް ދެމަފިރިންގެ މެދުގައި އޮންނަން ޖެހޭ ގުޅުންތައް ރަނގަޅު ކުރުމަށެވެ. ލޯބި އިތުރުކުރުމަށެވެ.
އެއްދުވަހު މެންދުރުގެ ކެއުން ހިފައިގެން ގޮސް ފިރިމީހާގެ ކޮޓަރިއަށް ވަންއިރު ހިލޭ އަންހެނަކާއެކު ލޯބިކުރަނީއެވެ. ފިރިމީހާ ބިރުން ތުރުތުރު އަޅައިގަތެވެ. އަނބިމީހާ ކަންތައް ކުރާނެ ގޮތަކާއިމެދުގައި ކަންބޮޑުވީވަރުންނެވެ.
އަނބިމީހާ ކަންތައްކުރީ ހީވެސް ނުކުރާފަދަ ގޮތަކަށެވެ. ގެނައި އެއްޗެތި މޭޒުމަތީގައި ބަހައްޓާފައި އަނގައިންވެސް ނުބުނެ އެނބުރި ދިއައީއެވެ. ފިރިމީހާއަށް އެކަންވީ ވަރަށް ބޮޑު ކަމަކަށެވެ.
އެރޭ ގެއަށް ދިއުމުންވެސް އެވާހަކަ ނުވެސް ދެއްކިއެވެ. ބުނީ ފެންވަރާލައިގެން ކާން އައުމަށެވެ. ފިރިމީހާ އައިސް ކައިނިމުނުއިރުވެސް އެވާހަކަ ނުދެއްކުމުން ފިރިމީހާއަށް ކެތްނުކުރެވިގެން ބުންޏެވެ. "ތިބާއަށް އުފީހުން މިއަދު ފެނުނު ކަންތަކުގެ ވާހަކަ ނުވެސްދެއްކީމުއެވެ. ރުޅިއައިކަމެއްވެސް ނުދެއްކީމުއެވެ. ސުވާލެއްވެސް ނުކުރީމުއެވެ؟ އަހުރެންނާއި ވަކިވާން ނިންމީހެއްޔެވެ؟ އެއީ ތިއަހީކުރާގޮތަށްވީކަމެއް ނޫނެވެ."
އަނބިމީހާ ބުންޏެވެ. "އަހުރެން ރުޅިއައުމުން ކުރާނީ ކޮންފައިދާއެއް ހެއްޔެވެ؟ ތިބާގެ އުޅުން ހުރިގޮތް އެއޮތީ ފެނިފައެވެ. ކޮނމެ ގޮތަކަށްވީކަމެއް ނަމަވެސް ކުރިކަންތައް އެއޮތީ ފެނިފައެވެ. މަކަރުވެރި ފިރިއަކަށް ވިސްނައި ސިކުނޑިއަށް ބުރަކުރާކަށް ނެތީމެވެ. ސަމާލުކަންދޭންޖެހޭ 3 ދަރިން އެބަތިއްބެވެ. ތިބާއަށް އަހުރެން ހުތުރުވިޔަސް އަހުރެންނަކީ ހުތުރު އަންހެނެއް ނޫންކަން އަހުރެންނަށް ވިސްނެއެވެ. އަދި އަހުރެން މިއުޅެނީ ހަރުދަނާ ދިރިއުޅުމެއްކަންވެސް އަހުރެންނަށް އެނގެއެވެ. ތިބާ ތިބާގެ ގޮތުގައި ކުރިއަށްދާށެވެ! އަހުރެންގެ މުސްތަޤްބަލާއިމެދު އަހުރެން ވިސްނާނަމެވެ. އެވާހަކަ ދައްކައި ޒުވާބުނުކުރީ އެކަންކުރުމަކުން ކުރާނެ ފައިދާއެއް ނެތީމައެވެ. ބޭކާރު ކަންކަމަށް ވިސްނާކަށް އަހުރެންނަކަށް ވަޤުތެއް ނެތެވެ. ބޭނުމެއްވެސް ނޫނެވެ."
އަނެއް ދުވަހު ހެނދުނު ސައިބޯން އިންދައި ގެނެސް މޭޒުމަތީގައި ބެހެއްޓީ ތަށިބަރިއެކެވެ. މެންދުރުގެ ކެއުމެވެ. ބަހައްޓާފައި އަނގައިންވެސް ނުބުނެ ގޮސް ކޮޓަރިއަށްވަނީއެވެ. އެހެން ދުވަސްތައް ފަދައިން ގެއިން ނުކުންނަ ވަޤުތު ބައްދާލައި ލޯބިވާކަމަށް ބުނެލަންވެސް ނައެވެ.
ފިރިމީހާ އޮފީހަށް ދިއައީ ތަށިބަރިބަހއްޓާފައެވެ. ނޯޓެއްވެސް ބޭއްވިއެވެ. "ވަރަށް ދެރަވެއްޖެއެވެ. މާފުކުރާށެވެ! ކުށް ތަކުރާރެއް ނުވާނެއެވެ. މެންދުރުކާން ގެއަށް އަންނާނަމެވެ."
މެންދުރު އައިގޮތަށް އެދުވަހު އޮފީހަކަށް ނުދެއެވެ. ގޭގައި ހުރެގެން މަސައްކަތްކުރީ އަނބިމީހާގެ ކިބައިން މާފުހޯދުމަށެވެ. އަނބިމީހާ އެދުވަހު ޖަވާބެއް ނުދެއެވެ. ޖަވާބުދިނީ މަސްދުވަސް ފަހުންނެވެ. "މާފުކޮށްފީމެވެ. އެކަމަކު އިތުރަށް މާފުކުރަން ނުޖއްސުވާނެ ނަމައެވެ."
މިއީ އަހުރެންނަށް ފެނުނު ވީޑިއޯއެއްގައި ކަންތައްވީ ގޮތެވެ. އަހުރެން ބުނާނީ އެއަނބިމީހާ ވަރަށް ވިސްނުންތެރި ކަމަށެވެ. ކިތަންމެ ބޮޑު ހިތްހަމަނުޖެހުމެއް ކުރިމަތިވިޔަސް ރުޅި އިސްނުކޮށް ބުއްދީގެ ބޭނުންކުރާނަމަ ކުރާނެ ފައިދާ މާބޮޑުވާނެ ކަމަށެވެ.
- ޒަރީނާ / މިއަދުނޫހުގެ ކިޔުންތެރިއެއް