ދިވެހިރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އާއި އިންޑިއާގެ ތުރިވަނަންތަޕޫރަމްގައި ހުންނަ އަނަންތަޕޫރީ ހޮސްޕިޓަލް އެންޑް ރިސާޗް އިންސްޓިޓިއުޓާ ދެމެދު މިއަދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. މިއެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ މޯލްޑިވިއަންއިން ދަތުރުކުރާ ދިވެހިންނަށް ޞިއްޙީ ޚިދުމަތްތައް ހޯދުމުގައި ލުއިފަސޭހަގޮތްތަކެއް ފަހިކޮށްދީ، އިތުރު ފައިދާތަކެއް ފޯރުކޮށްދިނުމެވެ.
މި އެއްބަސްވުމުގެ ދަށުން މޯލްޑިވިއަންގެ ފަސިންޖަރުންނަށް އަނަންތަޕޫރީ ހޮސްޕިޓަލުން ގިނަ ލުއިތަކެއް ލިބިގެންދާނެއެވެ. އޭގެ ތެރޭގައި އެޑްމިޓްކޮށްގެންދޭ ފަރުވާ (IP) އަދި އެޑްމިޓްނުކޮށްދޭ ފަރުވާ (OP) ތަކުން ޚާއްސަ ޑިސްކައުންޓްތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން ހެލްތު ޗެކަޕް ޕެކޭޖްތަކުން 15 އިންސައްތަ އަދި ލެބޯޓަރީ ޓެސްޓްތަކާއި ރޭޑިއޮލޮޖީގެ ޚިދުމަތްތަކުން 10 އިންސައްތަގެ ޑިސްކައުންޓް ލިބޭނެ ކަމަށް މޯލްޑިވިއަންއިން ބުނެއެވެ.
ބަލިމީހުންނަށް އިތުރު ލުއިފަސޭހަކަމެއް ފޯރުކޮށްދިނުމުގެ ގޮތުން، ތުރިވަނަންތަޕޫރަމް އިންޓަރނޭޝަނަލް އެއާޕޯޓުން ހޮސްޕިޓަލަށް ދިއުމަށް ހިލޭ އެމްބިއުލާންސްގެ ޚިދުމަތްވެސް މި އެއްބަސްވުމުގެ ދަށުން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. މިއީ އިންޑިއާއަށް ބޭސްފަރުވާއަށް ދާ ދިވެހިންނަށް އުފުލަންޖެހޭ ތަކުލީފުތައް ކުޑަކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
އިންޑިއާއަކީ ދިވެހިން ބޮޑެތި ބަލިތަކަށް ޚާއްސަ ފަރުވާ ހޯދުމަށް އެންމެ ގިނައިން ދަތުރުކުރާ އެއް ގައުމެވެ. މީގެ ތެރެއިންވެސް ތުރިވަނަންތަޕޫރަމަކީ ރާއްޖެއާއި ކައިރިވުމާއި، އެތަނުގެ ކުރިއަރާފައިވާ ޞިއްޙީ ވަސީލަތްތަކުގެ ސަބަބުން ދިވެހިންގެ މެދުގައި ވަރަށް މަގުބޫލު މަންޒިލެކެވެ. މޯލްޑިވިއަން އިން ތުރިވަނަންތަޕޫރަމަށް ދަތުރުކުރާ ފަސިންޖަރުންނަށް މި އެއްބަސްވުމުގެ ދަށުން ޚާއްސަ އެހީތެރިކަމާއި ޞިއްޙީ ޚިދުމަތްތައް މީގެ ފަހުން ފަސޭހައިން ލިބިގެންދާނެއެވެ.
މި ފަހުމުނާމާގެ ސަބަބުން މޯލްޑިވިއަންއިން ދަތުރުކުރާ ފަރާތްތަކަށް އަނަންތަޕޫރީ ހޮސްޕިޓަލުން ޚާއްސަ އިނާޔަތްތަކެއް ލިބި، ބޭސްފަރުވާގެ ކަންކަން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ދެ ފަރާތުންވެސް އުންމީދު ކުރެއެވެ.