އުރީދޫ މޯލްޑިވްސްގެ މިދިޔަ އަހަރުގެ ސާފު ފައިދާއިން ހިއްސާއަކަށް 3.53 ރުފިޔާ ބަހަން އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ފާސްކޮށްފިއެވެ. މި ނިންމުން ނިންމާފައިވަނީ ބުދަ ދުވަހުގެ ރޭ އުރީދޫ ހެޑް އޮފީހުގައި ބޭއްވި އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައެވެ.
މި ޖަލްސާގައި ޖުމުލަ 353 ހިއްސާދާރުން ބައިވެރިވެފައިވާއިރު، މީގެ ތެރޭގައި ޖަލްސާއަށް ހާޒިރުވި 144 ހިއްސާދާރުންނާއި 209 ހިއްސާދާރުން ތަމްސީލުކުރި 27 ޕްރޮކްސީ ހޯލްޑަރުން ހިމެނެއެވެ. މިއީ ކުންފުނީގެ ޖުމުލަ ހިއްސާގެ 98 އިންސައްތަ ކަމަށް އުރީދޫން މައުލޫމާތު ދެއެވެ. މިއަހަރުގެ ޖަލްސާ ކުރިއަށް ގެންގޮސްފައިވަނީ އުރީދޫ އޮފީހަށް ހާޒިރުވެގެންނާއި މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީގެ ފަހިވޯޓް މެދުވެރިކޮށް އޮންލައިންކޮށެވެ.
ހިއްސާގެ ފައިދާ ބެހުމުގެ އިތުރުން، މި ޖަލްސާގައި މިދިޔަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ބަޔާންތަކާއި ޑިރެކްޓަރުންގެ ރިޕޯޓު ވަނީ ފާސްކޮށްފައެވެ. އަދި މިދިޔަ އަހަރުގެ މާރިޗު 9 ވަނަ ދުވަހު ބޭއްވި އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާވެސް މި ޖަލްސާގައި ވަނީ ފާސްކޮށްފައެވެ. މީގެ އިތުރުން، ކުރިއަށް އޮތް އަހަރަށް ކުންފުނީގެ އޮޑިޓަރުގެ ގޮތުގައި ކޭޕީއެމްޖީ އައްޔަންކުރުމަށްވެސް ހިއްސާދާރުން ވަނީ ނިންމާފައެވެ.
ކުންފުނީގެ ހިންގާ ބޯޑަށް ބަދަލުތަކެއް ގެނައުމަށްވެސް މި ޖަލްސާގައި ވަނީ ނިންމާފައެވެ. އެގޮތުން، ކުންފުނީގެ މެޖޯރިޓީ ހިއްސާދާރު ކަމަށްވާ ވަތަނިއްޔާ އިންޓަރނޭޝަނަލް ތަމްސީލުކުރުމަށް ފާތިމަތު ސުލްޠާން އަލް-ކުވާރީ އަލުން ބޯޑަށް އައްޔަންކޮށްފައިވެއެވެ. އަދި އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑުގައި އިންނަވާނެ ޑިރެކްޓަރަކަށް އަބްދުﷲ އަލީ ވަނީ އައްޔަންކޮށްފައެވެ.