ފްލެޓްތައް ކުއްޔަށް ދޭނަމަ ބައިލައްކަ ރުފިޔާއިން ޖޫރިމަނާ ކޮށް ފްލެޓް އަތުލާނެ: އެފްޑީސީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 55ސ
ފްލެޓްތައް ކުއްޔަށް ދޭނަމަ ބައިލައްކަ ރުފިޔާއިން ޖޫރިމަނާ ކޮށް ފްލެޓް އަތުލާނެ: އެފްޑީސީ

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ ފްލެޓްތައް ތިންވަނަ ފަރާތަކަށް ކުއްޔަށް ދޭނަމަ، އެ ފަރާތްތައް ބައިލައްކަ ރުފިޔާއިން ޖޫރިމަނާކޮށް ފްލެޓް އަތުލާނެ ކަމުގެ އިންޒާރު އެ ކޯޕަރޭޝަނުން ދީފިއެވެ.

އެފްޑީސީން މިގޮތަށް ނިންމާފައިވަނީ އިޖްތިމާޢީ ބޯހިޔާވަހިކަމުގެ ދަށުން ސަރުކާރުން ހެޔޮ އަގުގައި ދޫކޮށްފައިވާ މި ފްލެޓްތައް ބައެއް ފަރާތްތަކުން ބޮޑު އަގުގައި ކުއްޔަށް ދޫކުރަން އުޅޭ މައްސަލަތަކެއް ފެންމަތިވުމާ ގުޅިގެންނެވެ. އެފްޑީސީން ބުނީ މި 4000 ފްލެޓްތަކަކީ އިޖްތިމާޢީ ބޯހިޔާވަހިކަމަށް ޚާއްޞަ ތަންތަން ކަމަށްވާއިރު، މިތަންތަން ކުއްޔަށް ދިނުމަކީ ވެރިންނާއެކު ވެފައިވާ އެއްބަސްވުމާ ޚިލާފު ކަމެއް ކަމަށެވެ.

މި ފްލެޓްތައް ކުއްޔަށް ދޫކުރަން މީސްމީޑިއާގައި ބައެއް ފަރާތްތަކުން އިޝްތިހާރު ކުރަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. އެގޮތުން، އެފްޑީސީގެ ތިން ކޮޓަރީގެ އެޕާޓްމެންޓެއް 23,000 ރުފިޔާއަށް ކުއްޔަށް ދިނުމަށް މީހަކު މީސްމީޑިއާގައި ޕޯސްޓްކޮށްފައިވާ މައްސަލައެއް ވަނީ ފެންމަތިވެފައެވެ. ސަރުކާރުން މި ފްލެޓްތަކަށް ކަނޑައަޅާފައިވާ މަހު ފީއަކީ 11,500 ރުފިޔާ ކަމަށްވާއިރު، މިއީ ސަރުކާރުގެ އަގަށްވުރެ ދެގުނަ ބޮޑު އަގެކެވެ.

މިކަމާ ގުޅިގެން ފަހި ދިރިއުޅުން ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލް ވިދާޅުވީ، މި މައްސަލަ އެ ކުންފުނީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. "އެފްޑީސީ ފްލެޓްތަކަކީ ތިންވަނަ ފަރާތަކަށް ކުއްޔަށް ދެވޭނެ ތަންތަނެއް ނޫން. މިފަދަ ޢަމަލުތައް ކުރާ ފަރާތްތައް 50,000 ރުފިޔާއާ ހަމައަށް ޖޫރިމަނާކޮށް، ފްލެޓްގެ އެއްބަސްވުން އުވާލެވޭނެ،" ހަމްދާން ވިދާޅުވިއެވެ.

ހަމްދާން އިތުރަށް ވިދާޅުވީ، ސަރުކާރުން އިޖްތިމާޢީ ބޯހިޔާވަހިކަމަށް ދޫކޮށްފައިވާ ފްލެޓްތައް ކުއްޔަށް ދިނުމަކީ އެ މަޝްރޫޢުތަކުގެ އަސްލު މަޤްޞަދަށް ހުރަސް އެޅޭ ކަމެއް ކަމަށެވެ. އަދި ފްލެޓްތައް ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދާ ވިޔަފާރިއަކަށް ހެދުމަކީ ކޮންމެ ދިވެއްސެއްގެ ޙައްޤަށް އަރައިގަތުން ކަމުގައިވެސް އޭނާ ސިފަކުރެއްވިއެވެ.

އެފްޑީސީން ދަނީ މިފަދަ މައްސަލަތައް އިތުރަށް ބަލައި، އެއްބަސްވުމާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުންނެވެ.

މިއަދު އޮންލައިން