ކަނޑުމަގުން ރާއްޖެއަށް ސިއްރުން އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ސިނގިރޭޓު މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގެންފިއެވެ. ކަސްޓަމްސްއިން ހާމަކޮށްފައިވާ ގޮތުގައި މި އޮޕަރޭޝަނުގައި ޖުމްލަ 99،000 ސިނގިރޭޓު ވަނީ ހިފަހައްޓާފައެވެ.
ކަސްޓަމްސްއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މި ތަކެތި އަތުލައިގަތީ މި މަހުގެ ފަސް ވަނަ ދުވަހު މާލޭ ކޮމާޝަލް ހާބަރުން ކަމަށެވެ. މިއީ ރާއްޖެއަށް މަނާ ތަކެތި އެތެރެކުރުން ހުއްޓުވުމަށް ކަސްޓަމްސްއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހޯދުނު ކާމިޔާބީއެކެވެ.
ރާއްޖެއަށް ސިއްރުން މަނާ ތަކެތި އެތެރެކުރުން ހުއްޓުވުމަށް ސަރުކާރުން ދަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ހިންގާ އޮޕަރޭޝަންތަކުގެ ފަހުގެ މައުލޫމާތު ދެއްވަމުން، ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙުސާން ދާދިފަހުން ވިދާޅުވެފައިވަނީ، ފާއިތުވި ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި އެކަނިވެސް 7،000 ވޭޕް ސްޓިކާއި ދެ މިލިއަން ސިނގިރޭޓު އަތުލައިގަނެވިފައިވާ ކަމަށެވެ.
ސިއްރުން ތަކެތި އެތެރެކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށާއި، ރާއްޖޭގެ ބޯޑަރުތައް ބެލެހެއްޓުން ހަރުދަނާ ކުރުމަށް ކަމާބެހޭ އިދާރާތަކުން އަންނަނީ ގުޅިގެން މަސައްކަތް ކުރަމުންނެވެ.