މިއަހަރުގެ މާރިޗު މަސް ނިމުމުގެ ކުރިން ލ. އަތޮޅާއި މ. އަތޮޅުގައި އާރްޓީއެލް (RTL) ހައިސްޕީޑް ފެރީގެ ޚިދުމަތް ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ. މި ޚިދުމަތަކީ މުޅި ރާއްޖެ ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.
ރާއްޖޭގެ ރަށްތަކުގައި އާރްޓީއެލް ހައިސްޕީޑް ފެރީގެ ޚިދުމަތް ދެމުންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެންނެވެ. ރައްޔިތުންނަށް ރަނގަޅު ފެންވަރެއްގައި ދެމެހެއްޓެނިވިގޮތަކަށް ދަތުރުފަތުރުގެ ޚިދުމަތް ދިނުމަށް ދަތުރުފަތުރާ ބެހޭ ވުޒާރާގެ ބެލުމުގެ ދަށުން ފަށާފައިވާ މި ޚިދުމަތް މިހާތަނަށް ރާއްޖޭގެ 14 އަތޮޅެއްގައި ވަނީ ފަށާފައެވެ.
ސަރުކާރުގެ އަމާޒަކީ މިއަހަރުގެ މެދާ ހަމައަށް ދާއިރު ރާއްޖޭގެ ހުރިހައި އަތޮޅެއްގައި މި ޚިދުމަތް ޤާއިމުކޮށް ނިންމުމެވެ. މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ "މި ޚިދުމަތް ޖޫން މަހުގެ ނިޔަލަށް މިހާރު ޚިދުމަތް ޤާއިމް ނުކުރެވި ހުރި އަތޮޅުތަކުގައި ޤާއިމްކޮށް ނިންމަވާނެ" ކަމަށް ވިދާޅުވެފައެވެ.
މި މަޝްރޫޢުގެ ދަށުން ލ. އަތޮޅާއި މ. އަތޮޅުގައި ޚިދުމަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ކުރިއަށްދާއިރު، މިއީ އެ އަތޮޅުތަކުގެ ރައްޔިތުންނަށް ދަތުރުފަތުރުގެ ލުއިފަސޭހަކަން ލިބިގެންދާނެ ކަމެކެވެ. އާރްޓީއެލް ފެރީގެ ނިޒާމަކީ ރާއްޖޭގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް މަގުފަހިކޮށްދޭ، އިތުބާރު ހުރި ދަތުރުފަތުރުގެ ނިޒާމެއްގެ ގޮތުގައި ސަރުކާރުން ސިފަކުރެއެވެ.