އަލަށް އިންތިޚާބު ކުރާ ކައުންސިލަރުންނަށް ބޭނުންވާ ތަމްރީނުތައް ނިމޭއިރު، 55 ކައުންސިލް އިމާރާތުގެ މަސައްކަތް ނިމޭނެ: ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 3ސ
އަލަށް އިންތިޚާބު ކުރާ ކައުންސިލަރުންނަށް ބޭނުންވާ ތަމްރީނުތައް ނިމޭއިރު، 55 ކައުންސިލް އިމާރާތުގެ މަސައްކަތް ނިމޭނެ: ވަޒީރު

މިއަހަރު އަލަށް އިންތިޚާބު ކުރާ ކައުންސިލަރުންނަށް ބޭނުންވާ ތަމްރީނުތައް ނިމޭއިރު، މިހާރު ކުރިއަށްގެންދާ 55 ކައުންސިލް އިމާރާތުގެ މަސައްކަތް ނިމި، އެތަންތަން ބޭނުން ކުރެވޭނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ، ސަރުކާރުން ޖުމްލަ 105 ކައުންސިލް އިމާރާތެއްގެ މަސައްކަތް ދެ ބަޔަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ޚާއްޞަ އިސްކަމެއް ދެއްވާ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން 50 ކައުންސިލް އިދާރާއެއްގެ މަސައްކަތް ޗައިނާ ސަރުކާރުގެ އެހީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، ބާކީ 55 ކައުންސިލް އިދާރާގެ މަސައްކަތް ކުރިއަށް ގެންދަނީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އާ ޙަވާލުކޮށްގެންނެވެ. ވަޒީރު ވިދާޅުވީ އާރުސީސީއާ ޙަވާލުކޮށްފައިވާ މަސައްކަތްތައް ކުރިއަށް ދަނީ ވަރަށް ހިތްހަމަޖެހޭ ސްޕީޑެއްގައި ކަމަށާއި، ޖުލައި މަހުގެ ނިޔަލަށް އެ މަސައްކަތްތައް ނިމޭނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށެވެ.

އަލަށް އިމާރާތް ކުރާ މި އޮފީސްތަކަކީ މިހާރު ހުރި އިމާރާތްތަކާ އަޅާބަލާއިރު ޖާގަ ތަނަވަސް، އަދި ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންނަށްވެސް މަސައްކަތް ކުރާނެ ރަނގަޅު މާޙައުލެއް ލިބިގެންދާނެ ތަންތަން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، މި އިމާރާތްތަކަށް ބޭނުންވާ ފަރުނީޗަރު ގެނައުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފެށިގެންދާނެއެވެ.

ވަޒީރު އާދަމް ޝަރީފް ވިދާޅުވީ، "އަޅުގަނޑުމެންނަށް ޤަބޫލުކުރެވެނީ ޖުލައިގެ ނިޔަލަށް ހުރިހާ ތަނެއް ނިމޭނެ ކަމަށް. އެގޮތަށް ނިމިއްޖެއްޔާ މިހާރު އަލަށް ހޮވިވަޑައިގަންނަވާ ބޭފުޅުންނަށް ގާތްގަނޑަކަށް އެ ބޭފުޅުންގެ ހަނީމޫން ޕީރިއަޑުގެ ތެރޭގައި އަޅުގަނޑުމެން އެ މީހުންނަށް ބޭނުންވާ ތަމްރީންތައް ދީ ނިމޭއިރު، މަސައްކަތް ކުރުމަށް އައު ކައުންސިލް އިދާރާތައް ލިބިގެންދާނެ."

މީގެ އިތުރުން، ޕީއެސްއައިޕީގެ ދަށުންވެސް ސަރުކާރުން ދަނީ އިތުރު ކައުންސިލް އިދާރާތަކެއްގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިހާތަނަށް 6 ކައުންސިލް އިދާރާއެއްގެ މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށްވެސް ވަޒީރު މިއަދުގެ ބައްދަލުވުމުގައި މަޢުލޫމާތު ދެއްވިއެވެ.

މިއަދު އޮންލައިން