މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް ގާނޫނަށް އަމަލުކުރަން ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 45ސ
މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް ގާނޫނަށް އަމަލުކުރަން ފަށައިފި

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނާއި، އޭގެ ވިޔަފާރިކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ގެނައި އިސްލާހަށް އިއްޔެއިން ފެށިގެން އަމަލު ކުރަން ފަށައިފިއެވެ. މި އިސްލާހަކީ މަސްތުވާތަކެތީގެ ވަބާއިން ގައުމު ސަލާމަތްކުރުމަށްޓަކައި އަދަބުތައް ހަރުކަށިކުރުމުގެ ގޮތުން ގެނެވުނު ބަދަލެކެވެ.

މަސްތުވާތަކެތީގެ ބައެއް ކުށްތަކުގެ އަދަބު ހަރުކަށިކޮށް، ބޮޑެތި ޖޫރިމަނާތަކެއް ހިމެނޭ ގޮތަށް މި ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. ލ. ގަމު ދާއިރާގެ ޕީއެންސީ މެންބަރު ޔޫސުފް ރަޝީދު ހުށަހެޅުއްވި މި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ ޑިސެމްބަރު މަހުގެ ތިން ވަނަ ދުވަހުއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މި އިސްލާހު ތަސްދީގުކުރައްވައި، ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރެއްވީ ޑިސެމްބަރު މަހުގެ ހަވަނަ ދުވަހުއެވެ. ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، މި އިސްލާހަށް އަމަލުކުރަން މި ފެށީ ގެޒެޓުގައި ޝާއިއުކުރި ތާރީހުން ފެށިގެން ތިން މަސްދުވަސް ހަމަވުމާ ގުޅިގެންނެވެ.

މި އިސްލާހުގެ ދަށުން ގެނެވުނު އެންމެ ބޮޑު ބަދަލަކީ، މަސްތުވާއެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުން ނުވަތަ ރާއްޖެއިން ބޭރުކުރުމުގެ ކުށުގައި، ވަކި ޝަރުތުތަކެއް ފުރިހަމަވާނަމަ އެ މީހަކަށް މަރުގެ އަދަބު ކަނޑައެޅުމެވެ. މިއީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ރާއްޖޭގައި މިހާތަނަށް ކަނޑައެޅުނު އެންމެ ހަރުކަށި އަދަބެވެ.

މަރުގެ އަދަބު ތަންފީޒުކުރުމުގައި ހަރުދަނާ އުސޫލުތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން، މީހެއްގެ މައްޗަށް މަރުގެ އަދަބު ކަނޑައެޅިއްޖެނަމަ، އެ ހުކުމުގެ ހުރިހާ ގާނޫނީ ނުކުތާތަކެއް މަތީ މަރުހަލާގެ ކޯޓަކުން އަލުން ބަލަންވާނެއެވެ. އަދި އަދަބު ތަންފީޒުކުރެވޭނީ ސުޕްރީމް ކޯޓުގެ މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން އެގޮތަށް ހުކުމް ކުރުމުންނެވެ.

މީގެ އިތުރުން، އުމުރަށް ޖަލަށްލުމުގެ އަދަބު ނުވަތަ މަރުގެ އަދަބު ކަނޑައަޅާފައިވާ ކުށްތަކަކީ، އެއްވެސް ހާލެއްގައި އަދަބު މާފުކޮށްދެވިގެން ނުވާނެ ނުވަތަ ލުއިކޮށްދެވިގެން ނުވާނެ ކުށްތަކެއްގެ ގޮތުގައި ވެސް މިހާރު ވަނީ ގާނޫނުގައި ކަނޑައަޅާފައެވެ.

މިއަދު އޮންލައިން