އައްޑޫގެ ސީޕީއެސް ޤާއިމްކޮށް ނިންމުމަށް ދުބާއީގެ ކުންފުންޏަކާ ހަވާލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 33ސ
އައްޑޫގެ ސީޕީއެސް ޤާއިމްކޮށް ނިންމުމަށް ދުބާއީގެ ކުންފުންޏަކާ ހަވާލުކޮށްފި

އައްޑޫ ސިޓީގެ ކަރަންޓުގެ ޚިދުމަތް ހަރުދަނާކޮށް، ދިމާވެފައިވާ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި އެ ސިޓީގައި ޤާއިމްކުރާ ސެންޓްރަލް ޕަވަރ ސްޓޭޝަން (ސީޕީއެސް) ގެ މަސައްކަތް ނިންމުމަށް ދުބާއީގެ ކުންފުންޏެއް ކަމަށްވާ ޑެފިނިޓް ސޮލިއުޝަންސްއާ ފެނަކަ ކޯޕަރޭޝަނުން ހަވާލުކޮށްފިއެވެ.

ފެނަކަ ކޯޕަރޭޝަންގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނަޖާޙު އެވެ. ޑެފިނިޓް ސޮލިއުޝަންސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ފައުންޑަރ އަދި ސީއީއޯ އަބްދުﷲ ސައީދު އެވެ.

މި އެއްބަސްވުމުގެ ދަށުން ސެންޓްރަލް ޕަވަރ ސްޓޭޝަން ފުރިހަމަކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއްގެ އިތުރުން، އިންޖީނުތައް ބަހައްޓައި އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތްވެސް އެ ކުންފުނިން ކުރާނެއެވެ. ފެނަކައިން މަޢުލޫމާތު ދެއްވާގޮތުގައި މިއީ ޖުމްލަ 31 މިލިޔަން ޑޮލަރުގެ ބޮޑު މަޝްރޫޢެކެވެ.

މި މަޝްރޫޢާ ގުޅޭގޮތުން ވާހަކަދައްކަވަމުން ފެނަކައިގެ އެމްޑީ މުޙައްމަދު ނަޖާޙު ވިދާޅުވީ، "މި މަޝްރޫޢުގެ މަސައްކަތް މެދުކެނޑުމެއްނެތި ކުރިއަށްގެންގޮސް އަންނަ އަހަރުގެ ނިޔަލަށް ނިންމާލެވޭނެކަމުގެ ޔަޤީންކަން އެބައޮތް" ކަމަށެވެ. އަދި މި މަސައްކަތް ނިމުމާއެކު އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ފުރިހަމަ ހައްލެއް ލިބިގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

އައްޑޫ ސިޓީގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަކީ ސަރުކާރުން ޚާއްޞަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މަސައްކަތެކެވެ. މި އާ ޕަވަރ ސްޓޭޝަނާއެކު އައްޑޫގެ މުޅި ގްރިޑް އެއްކޮށްލައި، އިތުބާރު ހުރި ގޮތެއްގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެވޭނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން