ޕީއެންސީގެ ކޮންގްރެސް އަންނަ އޮކްޓޫބަރުމަހުގެ ތެރޭގައި ބާއްވަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 29ސ
ޕީއެންސީގެ ކޮންގްރެސް އަންނަ އޮކްޓޫބަރުމަހުގެ ތެރޭގައި ބާއްވަނީ

ވެރިކަން ކުރާ ޕީޕަލްސް ނެޝެނަލް ކޮންގްރެސް (ޕީއެންސީ) ގެ ކޮންގްރެސް އަންނަ އޮކްޓޫބަރު މަހުގެ ތެރޭގައި ބޭއްވުމަށް އެ ޕާޓީގެ ލީޑަރޝިޕުން ނިންމައިފިއެވެ. މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ ޕީއެންސީން އާޓިފިޝަލް ބީޗުގައި ބޭއްވި ޚާއްޞަ ހަރަކާތެއްގައި ވާހަކަފުޅުދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ ޕީއެންސީގެ ކޮންގްރެސް އޮކްޓޫބަރު މަހު ބޭއްވުމަށް މިހާރު ނިންމާފައިވާ ކަމަށާއި، މިއީ ޕާޓީގެ ތެރެއިން ސިޔާސީ ގޮތުން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް ލިބޭނެ ވަރަށް މުހިއްމު ފުރުޞަތެއް ކަމަށެވެ.

ޕީއެންސީއަކީ ޕާޓީ ނިޒާމަށް ފުރިހަމައަށް ތަބާވާ، ޑިމޮކްރަސީއަށް ލޯބިކުރާ ޕާޓީއެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެ ޕާޓީން އަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުންގެ މަސްލަޙަތު އިސްކޮށްގެން އެއް ޓީމެއްގެ ގޮތުގައި ކަމަށެވެ.

ކޮންގްރެސްގެ އިންތިޒާމުތަކާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، "މި ކޮންގްރެސްއަކީ ވަރަށް އިންސާފުވެރިކަމާއެކީ އަޅުގަނޑުމެން ބާއްވާނެ ވަރަށް ދެފުށްފެންނަ ވަރަށް ފުރިހަމަ ކޮންގްރެސްއަކަށް އިރާދަކުރެއްވިއްޔާވާނެ. މި ޕާޓީން ކަންކަން ކުރާނީ އަބަދުވެސް އަޅުގަނޑުމެން ކުރާގޮތަށް ވަރަށް އޯގަނައިޒްޑްކޮށް، ވަރަށް ތަރުތީބުން ދެފުށްފެންނަ ގޮތަށް."

ޕީއެންސީގެ ކޮންގްރެސްއަކީ އެ ޕާޓީގެ އެންމެ މަތީ ގުނަވަން ކަމަށްވާއިރު، މި ކޮންގްރެސްގައި ޕާޓީގެ މުހިއްމު މަޤާމުތަކަށް މީހުން އިންތިޚާބު ކުރުމާއި ޕާޓީގެ ހިންގާ ގަވާއިދަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން ކުރިއަށްދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން