އައްޑޫސިޓީއަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ހަބަކަށް ހެދުމަށް ސަރުކާރުން ނިންމާފައިވާކަން ހާމަކުރައްވައި، އެ ސިޓީގައި އިންވެސްޓްކުރުމަށް ތައްޔާރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ. ރައީސް މިކަމަށް އެދިވަޑައިގަތީ ޕީއެންސީން ބޭއްވި 'ދަ ގްރޭޓަރ އައްޑޫ' އިވެންޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އައްޑޫ އަތޮޅަކީ އިޤްތިޞަދީ ގޮތުން ކުރިއަރާފައިވާ ތަނަކަށް ހެދުމަށްޓަކައި ކުރަންޖެހޭ ޤާނޫނީ އަދި އިދާރީ މަސައްކަތްތައް މިއަހަރުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ. މިއާއެކު، އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ކުރިއަށް އޮތް ތިން އަހަރު ދުވަހަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އައްޑޫގައި ފުޅާ ދާއިރާއެއްގައި ކުރިއަރައިގެން ދިޔުމުގެ ފުރުޞަތު އޮތް ދުވަސްތަކެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އިންވެސްޓަރުންނަށް ހުރި ފުރުޞަތުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، "އެއީ އައިޓި ދާއިރާއިން ކަމުގައިވިޔަސް، އެކިކަހަލަ އިޤްތިޞަދީ އެކި މަސައްކަތްތައްވިޔަސް، ސަރވިސް އިންޑަސްޓްރީގެ މަސައްކަތްތައްވިޔަސް، ކުދި އަދި މެދުފަންތީގެ ދާއިރާގައި އިންވެސްޓްކުރާ ފަރާތްތަކަށް ސަރުކާރުން ހުރިހާ ލުއިތަކެއް ދިނުމަށް، ބިމު ކުއްޔާއި ޓެކްސް، މިފަދަ ހުރިހާކަމަކުން 3 އަހަރު ދުވަހަށް ބްރޭކެއް ދިނުމުގެ ނިޒާމް" ޤާއިމުކުރެވޭނެ ކަމަށެވެ.
މި ނިޒާމުގެ ދަށުން އައްޑޫގައި އިންވެސްޓްކުރާ ފަރާތްތަކަށް ބިމު ކުއްޔާއި ޓެކްސް ފަދަ ކަންކަމުން ބޮޑެތި ލުއިތަކެއް ލިބިގެންދާނެއެވެ. މިއީ އައްޑޫގެ އިޤްތިޞާދު ކޮޅަށް ޖަހައި، އެ ސިޓީއަކީ ވިޔަފާރީގެ މައި މަރުކަޒަކަށް ހެދުމަށް ސަރުކާރުން ގެންގުޅުއްވާ ތަޞައްވުރުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ އައްޑޫގެ ތަރައްޤީއަށްޓަކައި ހުރިހާ ފަރާތްތަކުންވެސް މި ފުރުޞަތުގެ ބޭނުން ހިފައި، އިންވެސްޓްމަންޓްތަކަށް ތައްޔާރުވުމަށް ބާރުއަޅުއްވާފައެވެ. މި މަޝްރޫޢުގެ ސަބަބުން އައްޑޫގެ ޒުވާނުންނަށާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް އައު ދޮރުތަކެއް ހުޅުވިގެންދާނެ ކަމަށް ބެލެވެއެވެ.