ޒަކާތުގެ ފައިސާ އިންވެސްޓްކުރެވޭ ގޮތަށް ޒަކާތު ފަންޑު ހިންގުމާ ބެހޭ ޤަވާއިދު އެކުލަވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 54ސ
ޒަކާތުގެ ފައިސާ އިންވެސްޓްކުރެވޭ ގޮތަށް ޒަކާތު ފަންޑު ހިންގުމާ ބެހޭ ޤަވާއިދު އެކުލަވާލައިފި

ޒަކާތުގެ ގޮތުގައި ދައުލަތަށް ލިބޭ ފައިސާއިން ޒަކާތުގެ ބެހެނިވެރީންނަށާއި އެކި ބޭނުންތަކަށް ދޫކުރެވޭ މިންވަރު އިތުރުކުރުމުގެ މަގުސަދުގައި، ޒަކާތު ފަންޑުގައިވާ ފައިސާ އިންވެސްޓްކުރެވޭނެކަމަށް ކަނޑައަޅައި "ޒަކާތު ފަންޑު ހިންގުމާ ބެހޭ ޤަވާއިދު" އެކުލަވާލައިފިއެވެ. މިއީ މިއަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާފައިވާ ޒަކާތުގެ ޤާނޫނުގެ ދަށުން އެކުލަވާލި ޤަވާއިދެކެވެ.

މި ޤަވާއިދުގައިވާ ގޮތުން ޒަކާތު ފަންޑަށް ޖަމާކުރާނީ މުދަލު ޒަކާތާއި ފިޠުރު ޒަކާތުގެ ގޮތުގައި ލިބޭ ފައިސާގެ އިތުރުން، ފަންޑުން ގާއިމްކުރާ އިންވެސްޓްމަންޓްތަކުން ލިބޭ ފައިސާއެވެ. މި ފަންޑު ހިންގުމުގެ މުޅި ޒިންމާ ޒަކާތުގެ ޤާނޫނުގެ ދަށުން މަތިކޮށްފައިވަނީ މޯލްޑިވްސް ޒަކާތު ހައުސް އަށެވެ.

ޒަކާތު ފަންޑު ބަލަހައްޓަންޖެހެނީ މާލިއްޔަތާބެހޭ ވުޒާރާއިން ކަނޑައަޅާ ގޮތެއްގެ މަތިން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައި ގާއިމްކުރާ ވަކި އެކައުންޓެއްގައެވެ. ފަންޑުގެ ކަސްޓޯޑިއަންއެއްގެ ގޮތުގައި މަސައްކަތްކުރާނީ އެމްއެމްއޭއެވެ. ކަސްޓޯޑިއަންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި އެކައުންޓުތައް ބެލެހެއްޓުމާއި، ފަންޑުގެ އިންފްލޯ އަދި އައުޓްފްލޯ ރިޕޯޓުތައް ތައްޔާރުކުރުމާއި، ހިސާބުތައް ރިކޮންސައިލް ކުރުން ހިމެނެއެވެ. ކަސްޓޯޑިއަން ސަރވިސްއަށް އެއްވެސް ފީއެއް ނަގާނަމަ، އެ ފީއެއް ދައްކާނީ ޒަކާތު ފަންޑުންނެވެ.

ޒަކާތު ފަންޑަށް ޖަމާކުރާ ފައިސާ ޚަރަދުކުރުމާ ގުޅޭގޮތުން ޒަކާތު ކައުންސިލުން ފާސްކުރާ ބަޖެޓެއް އޮންނަންޖެހެއެވެ. މި ފައިސާ ބޭނުންކުރެވޭނީ މުދަލު ޒަކާތާއި ފިޠުރު ޒަކާތުގެ ބެހެނިވެރީންނަށް ފައިސާ ދޫކުރުމަށާއި، އިސްލާމީ ޝަރީޢަތާއި ޤާނޫނު ހުއްދަކުރާ ގޮތުގެ މަތީން އިންވެސްޓްކުރުމަށެވެ. މީގެ އިތުރުން ޒަކާތް ނެގުމާއި ބެހުމުގެ ކަންކަން ތަންފީޒުކުރުމަށް ޒަކާތު ހައުސްއިން ކުރަންޖެހޭ ޚަރަދުތައްވެސް މި ފަންޑުން ކުރެވޭނެއެވެ.

ޤަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން، ފަންޑަށް ލިބޭ ފައިސާ ޝަރުޢީ މިންގަނޑާ އެއްގޮތަށް ހޭދަކުރަންވާނީ ކީރިތި ޤުރްއާނުގައި ކަނޑައެޅިފައިވާ 8 ދާއިރާއަށެވެ. އަދި ޒަކާތުގެ ފައިސާ ބަލައިގަތުމަށް މާލީ އިދާރާއެއް އައްޔަނުކުރާނަމަ، އެ އިދާރާއަކާއެކު ޒަކާތު ހައުސްއިން ރަސްމީ އެއްބަސްވުމެއް އެކުލަވާލަންޖެހޭނެ ކަމަށްވެސް މި ޤަވާއިދުގައި ކަނޑައަޅާފައިވެއެވެ.

މިއަދު އޮންލައިން