ރަމަޟާން މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ފިޠުރު ޒަކާތުގެ ގޮތުގައި 5 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 40ސ
ރަމަޟާން މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ފިޠުރު ޒަކާތުގެ ގޮތުގައި 5 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ

މި ހިނގާ 1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 15 ދުވަހުގެ ތެރޭގައި ފިޠުރު ޒަކާތުގެ ގޮތުގައި 5.4 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި މުއްދަތުގެ ނިޔަލަށް ޖުމްލަ 5,482,171.00 (ފަސް މިލިއަން ހަތަރު ލައްކަ އަށްޑިހަ ދެހާސް އެއް ސަތޭކަ ހަތްދިހަ އެއް) ރުފިޔާ ވަނީ ލިބިފައެވެ.

މިދިޔަ 1446 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު މިއަހަރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާގެ އަދަދު ވަނީ އިތުރުވެފައެވެ. މިދިޔަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 15 ދުވަހު ލިބިފައިވަނީ 4,460,199 (ހަތަރު މިލިއަން ހަތަރުލައްކަ ފަސްދޮޅަސް ހާސް އެއް ސަތޭކަ ނުވަދިހަ ނުވަ) ރުފިޔާއެވެ.

ފިޠުރު ޒަކާތް ދެއްކުމުގެ ކަންކަން ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ވުޒާރާގެ ކައުންޓަރުތަކުންނާއި، ރަށްރަށުގެ ކައުންސިލްތައް މެދުވެރިކޮށް އަދި އޮންލައިންކޮށްވެސް ޒަކާތް ދެއްކޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. މިއަހަރު އޮންލައިންކޮށް ޒަކާތް ބަލައިގަތުމަށް 7 ޕްލެޓްފޯމެއް ބޭނުންކުރެއެވެ.

އޭގެ ތެރޭގައި ދިރާގު ޕޭ، އުރީދޫ އެމް-ފައިސާ، މޯލްޑިވްސް އިސްލާމިކް ބޭންކް، ބޭންކް އޮފް މޯލްޑިވްސް، ފަހިޕޭ، އަވަސް އެޕް އަދި ބަނޑޭރި ޕޭ ހިމެނެއެވެ. މި ޕްލެޓްފޯމުތަކުގެ ތެރެއިން ބަނޑޭރިޕޭއާއި ފަހިޕޭ މެދުވެރިކޮށް ރަމަޟާންމަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ވެސް ޒަކާތް ދެއްކޭނެއެވެ. ނަމަވެސް އެހެނިހެން ޕްލެޓްފޯމުތަކުން ޒަކާތް ބަލައިގަންނާނީ ރަމަޟާން މަހުގެ 27 ވަނަ ދުވަހުގެ ހެނދުނު 06:00 އާ ހަމައަށެވެ.

ވުޒާރާގެ ކައުންޓަރުތަކުން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މާރިޗު 10 އިން 19 އަށް، ހުކުރު އަދި ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 11:00 އިން މެންދުރުފަހު 14:00 އަށެވެ.

ފިޠުރު ޒަކާތް ދެއްކުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ދީނީ ވާޖިބަކަށް ވާތީ، ވީހާވެސް އަވަހަކަށް ޒަކާތުގެ ފައިސާ ދައްކައި އެ ވާޖިބު އަދާކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

މިއަދު އޮންލައިން