ފަހު ދިހައެއްގެ ދުވަސްތަކުގައި އިމިގްރޭޝަނުން ޚިދުމަތް ދޭނެ ގަޑިތައް ޢާންމުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 48ސ
ފަހު ދިހައެއްގެ ދުވަސްތަކުގައި އިމިގްރޭޝަނުން ޚިދުމަތް ދޭނެ ގަޑިތައް ޢާންމުކޮށްފި

ރަމަޟާން މަހުގެ ފަހު ދިހައެއްގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅާފައިވާ ދުވަސްތަކަކަށް ވީނަމަވެސް، އެ ދުވަސްތަކުގައި މޯލްޑިވްސް އިމިގްރޭޝަނުން ޚިދުމަތް ދޭނެ ގަޑިތައް އެ އިދާރާއިން މިއަދު ވަނީ ޢާންމުކޮށްފައެވެ. މި ނިންމުމަކީ ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށް ނިންމި ނިންމުމެކެވެ.

އިމިގްރޭޝަނުން ވިދާޅުވީ، ދިވެހި ޕާސްޕޯޓަށް އެދި ހުށަހެޅުމުގެ ޚިދުމަތް "އިމުގާ" ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު ލިބޭނެ ކަމަށެވެ. މާލެ އަދި ހުޅުމާލޭގެ އޮފީސްތަކުން ޕާސްޕޯޓާ ޙަވާލުވުމަށް ނަންބަރު ދޫކުރާނީ، ހުކުރު އަދި ހޮނިހިރު ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 09:15 އިން މެންދުރު 13:00 އަށެވެ. މި ޚިދުމަތަށް ނަންބަރު ދޫކުރާނީ "ކިޔުބީ" އެޕް މެދުވެރިކޮށެވެ. ހުކުރު ދުވަހު މި ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހެނދުނު 09:15 އިން 11:00 އަށެވެ.

އަތޮޅުތެރޭގެ ސިޓީތަކުގައި ޕާސްޕޯޓް ދޫކުރުމަށް ހަމަޖެހިފައިވާ ދުވަސްތަކަކީ:

ކުޅުދުއްފުށި ސިޓީ: މާރިޗު 9، 10، 15، 16 އަދި 17 ފުވައްމުލަކު ސިޓީ: މާރިޗު 10، 15 އަދި 17 ތިނަދޫ ސިޓީ: މާރިޗު 9، 12 އަދި 19 އައްޑޫ ސިޓީ: ހޮނިހިރު ފިޔަވައި ކޮންމެ ދުވަހަކު 09:15 އިން 12:00 އަށް

އީ-ވިސާއަށް އެދި ހުށަހެޅުމުގެ ޚިދުމަތް އިމުގާ ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު ލިބޭނެއެވެ. ސްޓާ ކްލައުޑްގެ 8 ވަނަ ފަންގިފިލާގައި ހުންނަ ވިސާ އޮފީސް ހުޅުވާފައި ހުންނާނީ، އާދިއްތަ ދުވަހުން ބުރާސްފަތި ދުވަހަށް ހެނދުނު 09:00 އިން މެންދުރު 13:00 އަށެވެ. އެންފޯސްމަންޓް އަދި ކޮމްޕްލަޔަންސް ޑިވިޜަންގެ ޚިދުމަތްތައް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ލިބޭނެއެވެ.

ސީޕޯޓް ޚިދުމަތްތައް ހުކުރު ދުވަސް ފިޔަވައި އެހެން ދުވަސްތަކުގައި ތިން ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށް ދާނެއެވެ. އެއީ، ފަތިހު 05:30 އިން މެންދުރު 12:00 އަށް، މެންދުރުފަހު 13:00 އިން ހަވީރު 17:30 އަށެވެ. އަދި ރޭގަނޑު 20:00 އިން ފަތިހު 04:00 އަށެވެ. ހުކުރު ދުވަހު ޚިދުމަތް ދޭނީ، މެންދުރުފަހު 14:30 އިން 17:30 އަށް، ރޭގަނޑު 20:00 އިން ފަތިހު 04:00 އަށެވެ. އަދި ފަތިހު 05:30 އިން ހެނދުނު 08:00 އަށެވެ. އަތޮޅުތެރޭގެ ސީޕޯޓު އޮފީސްތައް ކަމަށްވާ ކުޅުދުއްފުށި، އުލިގަން އަދި ހިތަދޫ އޮފީސްތައް ހުޅުވިފައި ހުންނާނީ، 09:00 އިން 13:00 އަށެވެ.

މިއަދު އޮންލައިން