ޢުމްރާއަށް ފުރުމުގައި އެކި ސަބަބުތަކާހުރެ ދަތުރު ނުކުރެވި ތިބި 164 ޢުމްރާވެރިން، ފްލައިޓެއް ޗާޓަރުކޮށްގެން މިރޭ ފުރުވާލުމަށް ތައްޔާރުވެއްޖެއެވެ. މިކަން ހާމަކޮށްފައިވަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިއަދު ނެރުނު ބަޔާނެއްގައެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، މި ޢުމްރާވެރިން ފުރުވުމަށްޓަކައި މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ފަރާތުން ވަނީ ޤައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލައިޓެއް ޗާޓަރު ކޮށްފައެވެ. އަދި ޢުމްރާވެރިން މައްކާއަށް ދިއުމުން އެތަނުގައި ތިބުމާއި އެހެނިހެން އިންތިޒާމްތައް ވެސް މިހާރު ވަނީ ފުރިހަމަކުރެވިފައެވެ.
މި މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން ކުރި މަސައްކަތާ ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީން ބުނީ، "މި ފުރުޞަތުގައި ހައްޖު ކޯޕަރޭޝަނަށާއި މޯލްޑިވިއަންނަށް ޝުކުރު ދަންނަވަން. އަދި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިކަން ހައްލު ކުރެއްވުމަށް ދެއްވި އަހައްމިއްޔަތަށްޓަކައި ރައީސަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން" ކަމަށެވެ.
ޢުމްރާ ދަތުރުތަކަށް ބުރޫއަރަން މެދުވެރިވީ އެމެރިކާއާއި އިޒްރޭލުން އީރާނާ ދެކޮޅަށް ފެށި ޢުދުވާނާ ގުޅިގެންނެވެ. މި ހަނގުރާމައިގެ ސަބަބުން ބައެއް ޢުމްރާ ގުރޫޕްތަކުގެ ދަތުރުތަކަށް ދަތިތަކާ ކުރިމަތިވިއިރު، އެއް ގުރޫޕަކުން ވަނީ ހަނގުރާމައާ ގުޅިގެން ކަމަށް ބުނެ ދަތުރު ކެންސަލްވެސް ކޮށްފައެވެ.
ނަމަވެސް، އެ ގުރޫޕުން ކަންކުރި ގޮތަށް ބަލައި، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ އެ ގުރޫޕަށް ހަރުކަށި ފިޔަވަޅު އަޅާފައެވެ. ސަރުކާރުގެ މި ނިންމުމާއެކު، ނުފުރި ތިބި ގިނަ އަދަދެއްގެ ޢުމްރާވެރިންނަށް މިރޭ ފުރޭނެ މަގު މިވަނީ ތަނަވަސްވެފައެވެ.