ކޮންމެ އަންހެނަކަށްވެސް ކަރާމާތާއި އިންސާފު ކަށަވަރުކޮށްދޭން މުޅި މުޖުތަމައުން މަސައްކަތް ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މިއަދު ގޮވާލައްވައިފިއެވެ.
ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވެވި ތަޙުނިޔާގެ މެސެޖުގައި، މެޑަމް ސާޖިދާ ވަނީ ދިވެހި އަންހެނުން ކުރަމުންދާ މަސައްކަތްތަކަށް ވަރަށް ބޮޑަށް ތަޢުރީފު ކުރައްވާފައެވެ. އެކަމަނާ ވިދާޅުވީ މި އުފާވެރި ދުވަހުގެ ތަޙުނިޔާ ފޮނުއްވަނީ ދިވެހި އާއިލާތައް ތަރުބިއްޔަތުކޮށް، އަޅުގަނޑުމެންގެ މުޖުތަމައުތަކަށް މަގުދައްކައިދެމުންދާ ހިތްވަރުގަދަ އަދި ހިކުމަތްތެރި ކަނބަލުންގެ އަގުވަޒަން ކުރައްވަމުން ކަމަށެވެ.
މެޑަމް ސާޖިދާގެ މެސެޖުގައި، ކޮންމެ އަންހެނަކާއި އަންހެން ކުއްޖަކަށްވެސް ކަރާމާތާއި، ހަމަހަމަ ފުރުސަތާއި، އިންސާފު ލިބިގެންދާނެކަން ކަށަވަރުކޮށްދެއްވުމަށް މުޅި މުޖުތަމައަށް އިލްތިމާސް ކުރެއްވިއެވެ. މީގެ އިތުރުން، ވަކި ޖިންސަކަށްވީތީ ތަފާތުކޮށް ހައްގުތަކާއި ފުރުސަތުތައް ހަނިކުރުމުގެ ބަދަލުގައި، ދެ ޖިންސަށްވެސް ހަމަހަމަ ފުރުސަތާއި އިހްތިރާމް ލިބޭ ފަދަ މުޖުތަމައެއް ބިނާކުރުމަކީ އެންމެންގެ އަމާޒަކަށް ވާންޖެހޭނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ.
ކޮންމެ އަހަރެއްގެ މާރޗް މަހުގެ 8 ވަނަ ދުވަހަކީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ އަންހެނުންގެ ދުވަހެވެ. މި ދުވަހާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންހެނުންގެ ހައްގުތަކާއި، މުޖުތަމައުގައި އެކަނބަލުން އަދާކުރާ މުހިންމު ދައުރު ފާހަގަކުރުމަށް ތަފާތު ހަރަކާތްތައް ކުރިއަށް ގެންދެއެވެ.