ނިމިދިޔަ ފެބުރުވަރީ މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ޖުމްލަ 2.80 ބިލިއަން ރުފިޔާގެ ޢާމްދަނީއެއް ލިބިފައިވާ ކަމަށް އެ އޮތޯރިޓީން ހާމަކޮށްފިއެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއާ އަޅާބަލާއިރު %0.8 ދަށް އަދަދެކެވެ. އަދި މިއީ މިއަހަރުގެ ފެބުރުވަރީ މަހު ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %11.6 ދަށް އަދަދެއްކަންވެސް މީރާއިން ފާހަގަކުރެއެވެ.
މީރާއިން ވިދާޅުވީ، މިދިޔަ އަހަރުގެ ފެބުރުވަރީ މަހާ އަޅާބަލާއިރު އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ރިޒޯޓުތަކުގެ ކުލީގެ މުއްދަތު އިތުރު ކުރުމުގެ ފީއާއި، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ އިތުރުން ރިޒޯޓުތަކުގެ ކުލިން ލިބުނު އާމްދަނީ ދަށްވުމެވެ. މީގެ އިތުރުން، ފެބުރުވަރީ މަހުގެ ޓެކުހުގެ ސުންގަޑިތައް ރަސްމީ ބަންދު ދުވަސްތަކަކާ ދިމާވުމުން، ސުންގަޑި މާރިޗު މަހަށް އިތުރުކުރުމަކީވެސް އާމްދަނީ ދަށްވި ސަބަބެއް ކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.
އަންދާޒާކުރި އާމްދަނީއަށްވުރެ %11.6 ދަށްވި ސަބަބުތަކުގެ ތެރޭގައި ޖީ.އެސް.ޓީ، އެއާޕޯޓް ޓެކުހާއި ފީ، އަދި ގްރީން ޓެކުހުން ލިބުނު އާމްދަނީ މަދުވުން ހިމެނެއެވެ. ނަމަވެސް، މިދިޔަ މަހު ލިބުނު އާމްދަނީގެ %19.0 އަކީ ކުރީގެ ސުންގަޑިތަކަށް ދައްކާފައިވާ ފައިސާ ކަމަށާއި، %16.9 އަކީ ނުދެއްކި ހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުން ލިބުނު ފައިސާ ކަމަށް މީރާއިން ބުނެއެވެ.
ނުލިބި ހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުން ޖުމްލަ 666 މިލިއަން ރުފިޔާ ވަނީ ހޯދާފައެވެ. މީގެ ތެރޭގައި ނޯޓިސް ފޮނުވައިގެން ހޯދި 399 މިލިއަން ރުފިޔާއާއި، ޑިއުސް ކްލިއަރެންސްގެ ތެރެއިން ލިބުނު 156 މިލިއަން ރުފިޔާ ހިމެނެއެވެ. މީގެ އިތުރުން އިންސްޓޯލްމަންޓް އެއްބަސްވުންތަކާއި، ފޯނު ކޯލުތަކުގެ ޒަރިއްޔާއިން އަދި ބޭންކް އެކައުންޓްތައް ހިފަހައްޓައިގެންވެސް ބޮޑެތި ޢަދަދުތަކެއް ވަނީ ހޯދާފައެވެ.
މިދިޔަ މަހުގެ އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ ޖުމްލަ އާމްދަނީގެ %52.3 ނުވަތަ 1.4 ބިލިއަން ރުފިޔާއެވެ. ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ އާމްދަނީއިން ނަގާ ޓެކުހުންނެވެ. އެއީ 599.2 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން ގްރީން ޓެކްސް، ޑިޕާޗަރ ޓެކްސް، އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އަދި ރިޒޯޓު ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީއަކީވެސް ފާހަގަކޮށްލެވޭ އާމްދަނީތަކެކެވެ.