އަހުރެމެންގެ ތެރެއިން ގިނަ ބައަކަށް ދެއްކެނީ މީހުންކުރާ ގޯސްކަންތައްތަކުގެ ވާހަކައެވެ. މީހުން ކުރާ ރަނގަޅު ކަންކަމުގެ ވާހަކަ ވަރަށް ނުދެއްކެއެވެ. މިގެނެސްދެނީ ދަރިފުޅު ކުޑައިރު ދުނިޔެދޫކުރަންޖެހުނު މަންމައަކަށް ދުނިޔޭގައި ހުރެވުނު މަދުދުވަސްކޮޅު ދަރިފުޅު ތަރުބިއްޔަތުކޮށްވާލެއް ރަނގަޅުކަމުން ކުރި ބޮޑުފައިދާގެ ވާހަކައެވެ. ވިދާޅުވެލައްވާށެވެ!
ދަރިން ގޯސްވެއްޖެނަމަ މައިންބަފައިން ކުށްވެރިކުރެއެވެ. ރަނގަޅު ގޮތުގައި ތަރުބިއްޔަތުކުރުމުން ތަޢްރީފްކުރާނީ ވަރަށް މަދުމީހެކެވެ. އެއީ މައްސަލައެއް ނޫނެވެ. ﷲ ތަޢާލާ ޙަވާލުކުރެއްވެވި މަސްއޫލިއްޔަތު ރަނގަޅު ގޮތުގައި އަދާކުރީމާ އެމީހަކަށް ﷲ ތަޢާލާ ލައްވަވާނެ ރަޙްމަތުން ފުދި އިތުރުވެސްވާނެއެވެ. އިން ޝާ ﷲ
ޝަރީކުކުރާ މީހުން ގިނަވެ އާދަކާދަތަކާއި ޘަޤާފަތްކަމަށް ހަދައިގެން ކުރާ ނުބައި ޢަމަލުތައް ގިނަވުމުން އެކަންކަމުގެ ނޭދެވޭ އަސަރު ކުޑަކުދިންނަށް ކުރާމިންވަރު އަންނަނީ އިތުރުވަމުންނެވެ. އަދި މުސްލިމް ނޫން މުޖުތަމަޢުތަކުގައި ދިރިއުޅެން ޖެހުމުންނާއި މުސްލިމް ނޫން ކުދިންނާއިއެކު ކިޔަވަން ޖެހުމުންވެސް އަޅުގަނޑުމެންގެ ދަރިންނަށް އަންނަނީ އެކަމުގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރަމުންނެވެ.
މިނުބައި ކަމުން ދަރިން ސަލާމަތްކުރަން މަސައްކަތްކުރުމަކީ ކޮންމެ މުސްލިމް ބެލެނިވެރިއެއްގެ ކިބައިގައިވެސް އެޅިފައި އޮތް ވަރަށް ބޮޑު މަސްއޫލިއްޔަތެކެވެ. ފުރިހަމަ އިސްލާމީ ޢަޤީދާގެ މަތީގައި ދަރިން ތަރުބިއްޔަތުކުރުމުން ކުރާ ފައިދާގެ ބޮޑުކަން ވިސްނިލައްވާނެއެވެ. އިން ޝާ ﷲ
އެއީ އެހެން ދީނެއްގެ ޢީދެކެވެ. އެމީހުން ޤަބޫލުކުރާ ގޮތުގައި އެ ޢީދާއި ގުޅޭ ގޮތަށް ހެދުން އަޅައި ތައްޔާރުވެގެން ޢީދުފާހަގަކުރުމުގެ ތެރެއިން އެމީހާ އެދޭ ކޮންމެވެސް އެއްކަމެއް އެމީހަކަށް ޙާޞިލްވާނެއެވެ.
އަޅުގަނޑަކީ މުސްލިމަކަށްވާތީ އެމީހުންލާފަދަ ހެދުމެއް ނުލެވޭނެއެވެ. އެހެނަސް އަޅުގަނޑުވެސް ހުރީ ވަރަށް ބޮޑު ކަމަކަށް ބޭނުންވެގެންނެވެ. އެއީ ބައްޕަގެ ލޯބި ލިބުމެވެ.
އަޅުގަނޑުގެ މަންމަ ނިޔާވީންސުރެ އަޅުގަނޑަކަށް ބައްޕަގެ ލޯތްބެއް ނުލިބެއެވެ. ބައްޕަގެ ޠަބީޢަތް ރަނގަޅުވާ ވަގުތެއް ނައުދެއެވެ. އެހެންވެ ބައްޕަގާތުން ކަމަކަށް އެދެން ބޭނުންވެގެން ބުނެވެނީވެސް ވަރަށް ދަތިޙާލުންނެވެ. ބުނެވުނަސް ގިނަ ފަހަރަށް ލިބޭނީ އިތުރަށް މާޔޫސްވާންޖެހޭނެ ފަދަ ޖަވާބެކެވެ!
އެއިރު އަޅުގަނޑުގެ ޢުމުރަކީ އެންމެ 10 އަހަރެވެ. ވީމާ ދީންތަކާއިމެދު ވިސްނާކަށް ނުއެނގެއެވެ. އެހެން ދީންތަކުގެ ޢީދުތަކާއިބެހޭ ގޮތުން މައުލޫމާތު ހޯދިފައެއްވެސް ނުވެއެވެ. އެހެންވެ އަޅުގަނޑަށް ޤަބޫލުކުރެވިފައި އޮތީ އެރެއަކީ ކޮންމެ ދީނެއްގެ މީހަކު ކަމަކަށް އެދުނަސް ހިންމަވައި ދެއްވަވާނެ ރެއެއް ކަމަށެވެ.
އަޅުގަނޑު ދިރިއުޅޭ ހިސާބަކީ ވަރަށް ފަޤީރު ސަރަހައްދެކެވެ. އެހެންވެ ގޭގައި ނަމާދުކުރުން އޮންނަނީ ވަރަށް ދަތިކަމަކަށްވެފައެވެ. އެއީ ގޭތެރޭގައި ޖާގަ ނުއޮންނާތީއެވެ. އެހެންވެ އަންހެނުން ނމާދުކުރަނީ އެކަމަށް ހަދާފައި ހުންނަ ކުދިކުދި ނަމާދުގެތަކުގައެވެ.
އެރޭގެ ޢިޝާނަމާދަށްފަހު އަޅުގަނޑު ދެއަތް އުފުލައި ރޮމުން ދުޢާކުރީމެވެ. އަޅުގަނޑުގެ ބައްޕައަކީ މަންމަ ދުނިޔޭގައި ހުރިއިރުވެސް އަޅުގަނޑު ދެކެ ލޯބިވީ ފަދައިން އަޅުގަނޑު ދެކެ ލޯބިވާ ބައްޕައަކަށް ބަދަލުކުރައްވަވައި ދެއްވެވުން އެދިއެވެ.
ދުޢާކޮށް ނިމިގެން ފައިބަނިކޮށް މުސްކުޅި އުމުރުގެ އަންހެނަކު އަޅުގަނޑުގެ އަތުގައި ހިފައި އޭނާގެ މޭގައި އަޅުގަނޑުގެ ބޯ ޖައްސާލައި އަޅުގަނޑު ރޮމުން ދުޢާކުރި ކަމަކާއިބެހޭ ގޮތުން ސުވާލުކުރުމުން ހުރިހާ ވާހަކައެއް ކިޔައިދިނީމެވެ.
އޭނާ ބުންޏެވެ. "މުސްލިމުން ދުޢާކުރާކަށް ވަކި ޢީދެއް ނޯވެއެވެ. ކަމަކަށް ބޭނުންވުމުން ކޮންމެ ވަގުތަކުވެސް ދުޢާކުރަންވީއެވެ. ﷲ އިރާދަކުރައްވަވައިފިނަމަ ވަގުތުންވެސް ޢިޖާބަކުރައްވަވާނެއެވެ. ގިނަގިނައިން ދުޢާކުރާށެވެ!"
އެއިގެފަހުން އަޅުގަނޑު ވަރަށް ގިނައިން އެދުޢާކުރަމެވެ. ދުޢާކުރާތާ 7 ވަނަ ރޭ ހަމަ ކުރީރޭ މުސްކުޅި މީހާ ކަންތައްކުރިގޮތަށް މަންމަމެން ޢުމުރުގެ އަންހެނަކު ކަންތައް ކުރިއެވެ. އޭނާވެސް ސުވާލުކުރުމުން އަޅުގަނޑު ހުރިހާ ވާހަކަތަކެއް ކިޔައިދިނީމެވެ.
އޭނާ އަޅުގަނޑުގެ އަތުގައި ހިފައިގެން ގެއަށް ގޮސް ބައްޕައާއި ވާހަކަދައްކަން ވަރަށް ގިނައިރު އިނެވެ. އޭނާ ބައްޕަ ގާތުގައި ދެއްކި ވާހަކައެއް ނުއެނގެއެވެ. ނަމަވެސް އެރެއިން ފެށިގެން ބައްޕަ އަޅުގަނޑާއިމެދު ބަދަލުވާން ފަށައިފިއެވެ. އަޅުގަނޑަށް ސަމާލުކަންދީ ލޯބިދޭން ފަށައިފިއެވެ.
އެއިގެފަހުން ކޮންމެ ރެއަކުހެން އެދައްތަ ގެއަށް އައިސް އަޅުގަނޑުގެ ޙާލުބަލައެވެ. ބައްޕަ އާއި ވާހަކަދައްކަން އިނދެއެވެ. ދުވަސްކޮޅެއްފަހުން އެދެމީހުން ކައިވެނިކޮށްފިއެވެ. ކައިވެންޏަށްފަހު މައަކު ފަދައިން އޭނާ އަޅުގަނޑަށް ލޯބިދެއެވެ. އަދި ބައްޕަގެ ލޯބިވެސް މާބޮޑުތަން އިތުރުވިއެވެ. އަޅުގަނޑު ކުރަމުން އައި ދުޢާ ﷲ ޢިޖާބަ ކުރެއްވެވީއެވެ. އެއިގެ ފަހުން މިއަދާއި ހަމައަށްވެސް ބައްޕަގެ ލޯބި ނުލިގެން އުޅޭކަށް އަޅުގަނޑަކަށް ނުޖެހެއެވެ.
މިއީ މިޞުރުގެ ނޫހަކުން އަޅުގަނޑު ކިޔާފައިވާ ވާހަކައެކެވެ. މިވާހަކަ މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާމިކުރީ ވަރަށް ބޮޑު ބޭނުމަކުއެވެ. ބުނެލަން ބޭނުންވަނީ މަރުވާނެ ވަގުތު އެއްވެސް މީހަކަށް ނުއެނގޭއިރު ދަރިން ކިތަންމެ ކުޑަނަމަވެސް ތަޤްވާވެރިކަންމަތީގައި ތަރުބިއްޔަތުކުރަން މަސައްކަތްކުރާށެވެ!
އެކުއްޖާއަށް ބައްލަޥާށެވެ! ކާފިރުން ލާފަދަ ހެދުން ނުލެވޭނެކަމާއި މުސްލިމުން ދުޢާކުރަންވީ ﷲ އަށްކަން އެކުއްޖާއަށް އެބައެނގެއެވެ. އަދި އެހައިކުޑައިރުވެސް އެހުރީ ނަމާދުކުރަން އާދަވެފައެވެ. އެއީ އެހާކުޑައިރުވެސް އޭނާގެ މަންމަ އެގޮތަށް ދަރިފުޅު ތަރުބިއްޔަތުކޮށްފައިވާތީއެވެ.
- މިއަދުނޫހުގެ ކިޔުންތެރިއެއް
- ޢިބްރަތްތެރި ވާހަކަ