ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަކީ ރާއްޖޭގެ ސިޔާސީ ހަމަޖެހުމަށާއި އިޤްތިޞާދަށްޓަކައި ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ފެންނަ ނުފެންނަ ވޯޓާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ޤާސިމް ވިދާޅުވީ، 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށްފަހު ރާއްޖޭގެ ސިޔާސީ މަޝްރަޙު ބައްޓަންވެފައިވާ ގޮތުން، ދެ އިންތިޚާބު އެކުގައި ބޭއްވުމަކީ މުހިންމު ކަމެއް ކަމަށެވެ. ވެރިކަމަށް އައުމަށްފަހު ކޮންމެ ސަރުކާރަކުންވެސް މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް މަސައްކަތްކުރާކަން ފާހަގަކުރައްވައި، ޤާސިމް ވިދާޅުވީ މިހާރު އޮތް ނިޒާމުގެ ތެރެއިން އިންތިޚާބުވާ ރައީސަކަށް މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް ވެރިކަމުގެ ފުރަތަމަ ހަ މަސްދުވަސް ހޭދަކުރަން ޖެހޭ ކަމަށެވެ.
މީގެ އިތުރުން، މަޖިލީހުގެ މެޖޯރިޓީ ބޭނުންކޮށްގެން އަލަށް އެކުލަވާލާ ސަރުކާރުތަކަށް ޖެއްސުންކުރުމާއި، ބަޖެޓް ހާވިޔާކުރުމުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން މަސައްކަތް ކުރުން ފަދަ ކަންކަން ފާއިތުވި މަޖިލީސްތަކުން ފެނިފައިވާ ކަމަށް ޤާސިމް ފާހަގަކުރެއްވިއެވެ. އެހެންކަމުން ޤައުމުގެ ސިޔާސީ ހަމަޖެހުމަށްޓަކައި މިއީ މިހާރު ކުރަން ލަސްވެފައިވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ޤާސިމް އިބްރާހިމް ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ އެކު ބޭއްވުމަށް ހަމަޖެހިފައިވާ ފެންނަ ނުފެންނަ ވޯޓުގައި، ދެ އިންތިޚާބު އެއްކޮށް ބޭއްވުމަށް "ފެންނަ" ކަމަށް ވޯޓު ދެއްވުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ. "ރައީސުލްޖުމްހޫރިއްޔާ އިންތިޚާބު ކުރާ ވޯޓު އޮންނަ ދުވަހު، މަޖިލީސް އިންތިޚާބު ބޭއްވުމުން ފައިދާބޮޑީ ހުރިހާގޮތަކުންވެސް ރައްޔިތުންނަށެވެ،" ޤާސިމް ވިދާޅުވިއެވެ.
މި ބަދަލުގެ ސަބަބުން ރައްޔިތުންގެ ޓެކްސް ފައިސާއިން 120 މިލިއަނަށް ވުރެ ގިނަ ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށާއި، އެ ފައިސާ ރައްޔިތުންގެ އެހެން ބޭނުންތަކަށް ބޭނުންކުރުމުގެ ފުރުޞަތު ލިބޭނެ ކަމަށް ޤާސިމް ވިދާޅުވިއެވެ. އަދި ސިޔާސީ ނިޒާމުގައި އުފެދޭ ހަމަނުޖެހުންތަކާއި، އިންތިޚާބުތަކާ ގުޅިގެން ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތައްވެސް މި ބަދަލާއެކު ކުޑަވެގެންދާނެ ކަމަށް އޭނާ ޤަބޫލުކުރައްވައެވެ.