ކަނޑުގެ ބައެއް ދޫކޮށްލުމަށް ކުރީ ސަރުކާރުން މޮރިޝަސްއަށް ސިޓީ ފޮނުވުމަކީ، އެންމެ މަތީ ޚިޔާނަތުގެ ކުށެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޕީއެންސީން ބޭއްވި "ދަ ގްރޭޓަރ އައްޑޫ" އިވެންޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކުރީ ސަރުކާރުން ރާއްޖެއަށް ގެއްލުންވާގޮތަށް ޢަމަލުކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް ނެތި ކަމަށެވެ. ޚާއްޞަކޮށް ޗާގޯސް މައްސަލާގައި ކުރީގެ ސަރުކާރުން ޢަމަލުކޮށްފައިވާ ގޮތަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ދޫކޮށްލާފައިވަނީ އެކަމަށް މޮރިޝަސް ސަރުކާރުން އެދިގެން ނޫން ކަމަށެވެ.
މި މައްސަލައިގެ ތަފްސީލްތައް ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ، މިއީ މޮރިޝަސްއިން އާބިޓްރޭޝަނަށް ހުށަހެޅި މައްސަލައެއް ކަމަށެވެ. އަދި އޭރު އާބިޓްރޭޝަން ތެރެއިން ރާއްޖެއާއި ދެކޮޅަށް މައްސަލަ ނިމުނަސް، އެކަން އިސްތިއުނާފްކޮށް ކާމިޔާބުކުރުމުގެ ފުރުޞަތު ރާއްޖެއަށް ބޮޑުކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ނަމަވެސް، އާބިޓްރޭޝަން މަރުހަލާ ދޫކޮށް، މޮރިޝަސް ސަރުކާރުން ނޭދެނީސް ކުރީ ސަރުކާރުން މިމައްސަލަ އިޓްލޮސް (ITLOS) އަށް ގެންދަން އެދުނު ކަމަށާއި، އެ މައްސަލަ ނިންމީ ރާއްޖެއަށް ގެއްލުންވާ ގޮތަށް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، "އާބިޓްރޭޝަން ތެރެއިން ގޮސް ލިބުނު ނަމަ، މިސާލަކަށް ރާއްޖެއަށް ގެއްލުންވާ ގޮތަށް ނިންމުނުނަމަވެސް ވަރަށް ފުރުސަތު ބޮޑުވާނެ އެކަމާއި ޗެލެންޖް ކުރަން. އެހެނަސް ގޮސް ނިމެން އޮތް ކަމެއްގައި، މިދިޔަ ސަރުކާރުން އިސްވެ އެދުނީ އިޓްލޮސްއަށްދާން. މޮރިޝަސްއިން އެދިގެނެއްވެސް ނޫން."
މީގެ އިތުރުން، މި މައްސަލަ އިޓްލޮސްއަށް ހުށަހަޅަން ނިންމައި، ބޭރުގެ ވަކީލުން ހޯދުމަށް 37 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާކަން ރައީސް ހާމަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ މި ހުރިހާ ކަމެއްގެ ނަތީޖާއަކަށްވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިގެންދާ ގޮތަށް މައްސަލަ ނިމިގެންދިޔުން ކަމަށެވެ.