ހުރާގެ ކަރަންޓާއި ފެނުގެ ހިދުމަތް ފޯރުކޮށްދިނުމާ ސްޓެލްކޯއާ ޙަވާލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 52ސ
ހުރާގެ ކަރަންޓާއި ފެނުގެ ހިދުމަތް ފޯރުކޮށްދިނުމާ ސްޓެލްކޯއާ ޙަވާލުކޮށްފި

ކ. ހުރާގެ ކަރަންޓާއި ފެނުގެ ހިދުމަތް ފޯރުކޮށްދިނުމާ ސްޓެލްކޯއިން މިއަދު ރަސްމީކޮށް ހަވާލުވެއްޖެއެވެ. މި ބަދަލާއެކު، ކުރިއަށް އޮތް ތަނުގައި އެ ރަށުގައި ރަނގަޅު ފެންވަރުގެ ހިދުމަތެއް ފޯރުކޮށްދޭނެކަމުގެ ޔަގީންކަން އެ ކުންފުނިން ވަނީ ދީފައެވެ.

މިހާތަނަށް ހުރާގައި ކަރަންޓާއި ފެނުގެ ހިދުމަތް ފޯރުކޮށްދެމުން އައީ ފެނަކަ ކޯޕަރޭޝަނުންނެވެ. މިއަދު ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި މި ހިދުމަތްތައް ހަވާލުކުރުމުގެ އެއްބަސްވުމުގައި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު އެވެ. ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒްވަރު އެވެ. މި ރަސްމިއްޔާތުގައި ހުރާ ދާއިރާގެ މަޖިލިސް މެންބަރު ޑރ. އަނާރާ ނައީމްވެސް ބައިވެރިވެވަޑައިގަތެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ޑރ. އަޒްވަރު ވިދާޅުވީ، މާލެ އަތޮޅާއި، އއ، އދ އަދި ވ. އަތޮޅު ހިމެނޭ ޒޯނުގެ ރަށްތަކުގައި ކަރަންޓާއި ފެނުގެ ހިދުމަތް ދެނީ ސްޓެލްކޯއިން ކަމަށެވެ. ނަމަވެސް ހުރާގައި މިހާތަނަށް އެ ހިދުމަތް ދެމުން އައީ ފެނަކައިން ކަމަށްވުމާއެކު، މިއަދުގެ އެއްބަސްވުމާއެކު އެ ޒޯނުގައި ސްޓެލްކޯގެ ހިދުމަތް ނުލިބޭ ހަމައެކަނި ރަށަށްވެސް އެ ކުންފުނީގެ ހިދުމަތް ލިބެން ފަށާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން ދަންނަވާލަން ބޭނުންވަނީ އެ ރަށުގެ ރައްޔިތުންނަށްވެސް މި ހިދުމަތްތަކާ ސްޓެލްކޯއިން ހަވާލުވުމަށްފަހު ސްޓެލްކޯގެ ފެންވަރަށް އަޅުގަނޑުމެން އެހެން ރަށްރަށުގައި ހިދުމަތް ދޭ މިންގަނޑުތަކަށް ހުރާގެ ޔުޓިލިޓީގެ ހިދުމަތްތައް ގެންދިއުމުގެ މަސައްކަތްކުރާނަން. އަޅުގަނޑުމެންނަށް ފެންނަ ގޮތުގައި އެ ރަށުގައި މި ހިދުމަތްތަކާ ގުޅޭ ގޮތުން ތަރައްގީގެ މުހިއްމު މަސައްކަތްތަކެއް ކުރަން އެބަޖެހޭ،" ޑރ. އަޒްވަރު ވިދާޅުވިއެވެ.

ސްޓެލްކޯއިން ބުނި ގޮތުގައި، ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ރޭވުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ. އަދި މާދަމާއިން ފެށިގެން ހުރާގެ ގޭބީސީތަކުގެ ރީޑިން ނެގުމަށްފަހު، ދެން ފޮނުވާ ބިލަކީ ސްޓެލްކޯގެ ބިލަކަށް ވާނެ ކަމަށްވެސް އެ ކުންފުނިން މައުލޫމާތު ދެއެވެ.

މިއަދު އޮންލައިން