މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ 76 ރަށެއްގައި ލެބޯޓަރީގެ ޚިދުމަތް އަލަށް ޤާއިމްކުރުމަށް ސަރުކާރުން ބާރު ދުވެލީގައި މަސައްކަތް ކުރަމުންދާކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ޞިއްޙީ ދާއިރާގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.
ވަޒީރު ނާޡިމް ވިދާޅުވީ، އަތޮޅުތަކުގެ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ކުދި އާބާދީތަކުގެ ޞިއްޙީ މަރުކަޒުތަކުގައި ލެބޯޓަރީގެ ޚިދުމަތް ލިބެން ނެތުމުގެ ދަތިކަން ކަމަށެވެ. މިކަމުގެ ސަބަބުން އާދައިގެ ލޭގެ ޓެސްޓެއް ހަދާލުމަށްވެސް ގިނަ ރައްޔިތުންތަކެއް މާލެއަށް ނުވަތަ ކައިރި އެހެން ރަށްރަށަށް ދަތުރުކުރަން ޖެހިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މި ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ލެބޯޓަރީގެ ޚިދުމަތް ނެތް ރަށްރަށުގައި އެ ޚިދުމަތް ޤާއިމްކުރުމަށް ޚާއްސަ ސިޔާސަތެއް ވަނީ އެކުލަވާލާފައެވެ. ވަޒީރު ވިދާޅުވި ގޮތުގައި، މި ސިޔާސަތުގެ ދަށުން މިހާރު ކުރިއަށްދާ މަޝްރޫޢަކީ އަތޮޅުތަކުގެ ޞިއްޙީ ނިޒާމު ހަރުދަނާކޮށް، ރައްޔިތުންނަށް ގާތުން ޚިދުމަތް ފޯރުކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
ޞިއްޙީ ވަޒީރު އިތުރަށް ވިދާޅުވީ، މާލޭގެ އިތުރުން އަތޮޅުތަކުގެ ޞިއްޙީ ޚިދުމަތުގެ ފެންވަރު މަތިކުރުމަކީ ސަރުކާރުގެ އިސް އަމާޒެއް ކަމަށެވެ. އަދި މިހާރު ކުރިއަށްދާ މަސައްކަތްތަކާއެކު، މިއަހަރުގެ ތެރޭގައި 76 ރަށެއްގައި ލެބޯޓަރީގެ ޚިދުމަތް ފެށުމުން، ރަށްރަށުން ބޭރަށް ދަތުރުނުކޮށް އަސާސީ ޓެސްޓުތައް ހެދޭނެ މަގު ތަނަވަސްވެގެންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.