ޢިބްރަތްތެރި ވާހަކަ: ފައިސާވެރިއަކު ބޮޑުބައްޔެއްގަ އުޅޭކަން އެނގުމުން އަވަހަށް މަރުވެ އޭނާގެ ތަނަވަސްކަން ތިމާއަށް ލިބޭނެ ކަމުގެ ހުވަފެނުގަ ކައިވެނިކުރި އަންހެނަކަށް ޖެހުނު ޙާލުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 42ސ
ޢިބްރަތްތެރި ވާހަކަ: ފައިސާވެރިއަކު ބޮޑުބައްޔެއްގަ އުޅޭކަން އެނގުމުން އަވަހަށް މަރުވެ އޭނާގެ ތަނަވަސްކަން ތިމާއަށް ލިބޭނެ ކަމުގެ ހުވަފެނުގަ ކައިވެނިކުރި އަންހެނަކަށް ޖެހުނު ޙާލުގެ ވާހަކަ-

ތަނަވަސްކަމަށް ދަހިވެތިވާ މީހުން ވަރަށް ގިނައެވެ.

އަންހެނުންގެ ތެރޭގައި އަދި ފިރިހެނުންގެ ތެރޭގައިވެސްމެއެވެ. ތިރީގައި އެވަނީ އެކަން ތަންކޮޅެއް ބޮޑުވި އަންހެނެއްގެ ވާހަކައެވެ. ނަތީޖާއެއްގެ ގޮތުން ޢުމުރަށް އުޅެންޖެހުނު ހިތްދަތި ޙާލުގެ ވާހަކައެވެ. ވިދާޅުވެލައްވައި ޢިބްރަތް ޙާޞިލްކުރައްވާށެވެ!   

އަޅުގަނޑުގެ އެކުވެރިންގެ ތެރޭގައި ތަނަވަސްކަމަށް ވަރަށް ބޮޑަށް ލޯބިކުރާ ކުއްޖަކު ހުރެއެވެ. ހުރިހާ އެކުވެރިން ކައިވެނިކޮށް ނިމުނުއިރުވެސް އޭނާ ކައިވެންޏެއް ނުކުރެއެވެ. އިންތިޒާރުކުރަމުން ދިއައީ ތަނަވަސް ފިރިއަކަށެވެ.  

އެހެން ހުއްޓައި އޭނާގެ ގާތުގައި ކޮންމެވެސް މީހަކު ދެއްކި ވާހަކައެއްގައި ވަރަށް ތަނަވަސް މީހެއްގެ ތަނަވަސް ދަރިއަކަށް ވަރަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާ ކަމާއި އޭނާ ވަރަށް އަވަހަށް މަރުވެދާނެކަމަށް ޑޮކްޓަރު ބުނެފައިވާ ކަމަށް ބުނުމުން އެކުވެރިޔާ ބޭނުންވީ ފުރުޞަތުގެ ބޭނުން ހިފާށެވެ. އޭނާގެ ނަންބަރު ހޯދައިގެން ގުޅަންފަށައިފިއެވެ. އޭނާދެކެ ވަރަށް ލޯބިވާވާކަމަށާއި އޭނާ ކިތަންމެ ބަލިނަމަވެސް ކައިވެނިކުރަން ބޭނުންކަމަށް ބުނަން ފަށައިފިއެވެ.  

އެކުވެރިޔާއަކީ ވަރަށް ރީތިވެސް ކުއްޖެކެވެ. އެހެންވެ އެޒުވާނާ ވެސް އޭނާއަށް ހިތްކިޔައި ދެމީހުން ކައިވެނިކުރިއެވެ. އެކުވެރިޔާ އޭނާއަށް ކަންކަން ކުރަނީ ވަރަށް ރަނގަޅަށެވެ. ބޭނުމަކީ އޭނާގެ ސަމާލުކަން ހޯދައިގެން އޭނާގެ ތަނަވަސްކަން ލިބިގަތުމެވެ. މަރުވުމުން ގެއާއި މުދައުތައް ހޯދުމެވެ.  

ފިރިމީހާއަށް އެކަން އެނގުނެވެ. ނަމަވެސް އެނގޭކަމަކަށް ނުހަދައެވެ. ނަމަވެސް އެނގުނު ހިސާބުން އަނބިމީހާއަށް ޚަރަދުކުރަމުން އައީ ވަރަށް އާދައިގެ ގޮތަކަށެވެ. އަނބިމީހާގެ އުފާތަކަށް ބޭނުންވާ އެއްޗެތިވެސް ހޯދައެއް ނުދެއެވެ. ހެދުންވެސް ގަނެދެނީ އެންމެ އާދައިގެ ފޭރާމުންނެވެ. ކުރުގޮތަކަށް ބުނާނަމަ ގެންގުޅުނީ އެންމެ ފަޤީރު މީހާވެސް އަނބިމީހާ ގެންގުޅޭނެ ފެންވަރުގައެވެ.

ކޮންމެ ދުވަހަކުވެސް އެކުވެރިޔާ ހުންނަނީ ފިރިމީހާގެ ޙާލު ސީރިއަސްވާނެ ވަގުތުގެ އިންތިޒާރުގައެވެ. އެހައި ފަޤީރުކޮށް ގެންގުޅޭއިރުވެސް އަޅާނުލައި ޚިދުމަތްކުރަމުން ދިއައީ އަވަހަށް މަރުވުމުން ލިބޭނެ ތަނަވަސްކަމަށް އުންމީދުކޮށްގެންނެވެ.  

ދުވަސްތައް އަހަރުތަކަށް ބަދަލުވަމުން ގޮސް ކައިވެންޏަށް 15 އަހަރު ފުރިއްޖެއެވެ. އެއިރު 3 ދަރިން ވަނީ ލިބފައެވެ. ފިރިމީހާ މަރެއް ނުވެއެވެ. ހަމަ ގަދަފަދައެވެ. ދޭތެރެއަކުން ބަލިބޮޑުވާ ކަމަށް ހެދިގެން ޑޮކްޓަރަށްވެސް ދައްކައެވެ. ކޮންމެ ފަހަރަކުވެސް ޑޮކްޓަރު ބުނަނީ ވަރަށް ސީރިއަސް ކަމަށާއި ވަރަށް ބޮޑަށް ބަލައިގެން އުޅުމަށެވެ. ޑޮކްޓަރު އެހެން ބުނަނީ އެއްވެސް ސަބަބެއް އޮވެގެން އޮވެގެނެއް ނޫނެވެ. ކައިވެނިކުރިތަނާހެން އޭނާ ވަނީ ބަލިން ސަލާމަތްވެފައެވެ. ނަމަވެސް އަނބިމީހާ ކުރިމަތީގައި އެގޮތަށް ބެނެދޭން ޑޮކްޓަރު ގާތު އެދިފައިއޮންނާތީ  ބުނަނީއެވެ.  

އެހެންއުޅެނިކޮށް އެކުވެރިޔާއަށް އެނގުނީ ފިރިމީހާ ދެވަނަ ކައިވެންޏެއްވެސް ކޮށްގެން އުޅޭކަމާއި އެކައިވެންޏަށްވެސް 12 އަހަރުވެ 5 ދަރިންވެސް ލިބިފައިވާ ކަމެވެ. އިރުއިރުކޮޅާ ވިޔަފާރި ދަތުރަކުކަމަށްބުނެ ފުރައިގެން މެލޭސިޔާއަށް ދަނީ އަނބިދަރިން ގާތަށް ކަމެވެ.

އެކަމުގެ ޝަކުވާކުރުމުން ފިރިމީހާ ބުންޏެވެ. "އެއްވެސް އިރެއްގައި ކަލޭ އަހަރެން ދެކެ ލޯތްބެއް ނުވަމެއް ނޫންހެއްޔެވެ؟ މަސައްކަތްކުރީ އަހަރެން ހައްދައިގެން އަހަރެންގެ ތަނަވަސްކަމަށް ވެރިވެގަންނަން ނޫންހެއްޔެވެ؟ އެކަން ޚުދު ކަލޭގެ ދުލުން ދެއްކިވާހަކައިން އަޑުއިވުނު ހިސާބުން އަހަރެންވެސް ބޭނުންވީ ކަލެއަށް ފިލާވަޅެއް ދޭށެވެ. މިދިނީ އެފިލާވަޅެވެ. ބޭނުންނަމަ އަވަހަށް އެހެން މީހަކާއި ކައިވެނިކުރާށެވެ. ހަމައެދޭއިރަށް ވަރިކޮށްދޭނަމެވެ. 3 ދަރިން ނެތްނަމަ މިހާރުވެސް ވަރިކުރީމުހެވެ. ވަރިވިނަމަވެސް 3 ދަރިން މިގެއަކުން ނުނެރެވޭނެއެވެ. އަދި ބުނަން ހެއްޔެވެ؟ ކަލެއާއި ކައިވެނިކުރިތަނާހެން އަހަރެންގެ ބަލި ވަނީ ފަސޭހަވެފައެވެ. ވީމާ އެބަލީގައި ދެން އަހަރެން މަރުވާނެ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. އިން ޝާ ﷲ"  

ފިރިމީހާގެ ވާހަކަތައް އަޑުއިވުމުން އެކުވެރިޔާގެ ހަތަރު އުދަރެސް ފެނުޖެހުނެވެ. ކުރި ހުރިހާ މަސައްކަތެއް ފޭލްވީއެވެ. މުއްސަނދި ފިރިހެނަކާއި ކައިވެނިކޮށްގެން އުޅެންޖެހުނީ ފަޤީރު ދިރިއުޅުމެކެވެ. އެހެން މީހަކާއި ކައިވެނިކުރަން މަސައްކަތްކުރަން ބެލާއިރު ޒުވާންކަން ވަނީ ގެއްލިފައެވެ. ކުދިން ވިހެއުމުން ރީތިކަން ވަނީ ގެއްލިފައެވެ. ޖެހުނީ ހަމަ ކެތްތެރިވެގެން ގޭގައި ދަރިންބަލަން އިންނާށެވެ! އެދުވަހަށްފަހު ފިރިމީހާގެ ކިބައިންވެސް އެއްވެސް ސަމާލުކަމެއް ނުލިބެއެވެ. ހުރިހާ ކޮޅަކުން ބާކީވީއެވެ.  

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން އޮތީ އަންހެނަކަށްވެ ހުރެގެން މިފަދަ ވާހަކައެއް ކިޔައިދޭން ލަދުވެސް ގަނެއެވެ. ނަމަވެސް މިއީ އެކުވެރިޔާ އާއިމެދު ކަންކަން ހިނގައިދިއަ ގޮތެވެ. ފިރިހެނަކަސް އަންހެނަކަސް ތަނަވަސްކަން ލިބުމަށް މާބޮޑަށް ދަހިވެތިވެއްޖެނަމަ މިފަދަ ޙާލަތުތައް ދިމާނުވެއެއް ނުދާނެއެވެ.  

ސްކޫލް އިރުންސުރެ އަހަރެމެން 8 ކުއްޖަކު މިއުޅެނީ ވަރަށް އެކުގައެވެ. އެއެކުވެރިޔާ ފިޔަވައި ދެން ތިބި 7 އެކުވެރިންވެސް ވަނީ އެކުއްޖަކަށް ލިބުނު މީހަކާއި ކައިވެނިކޮށް އުފާވެރި ދިރިއުޅުމެއް ހޯދައިފައެވެ. އެއެކުވެރިޔާ ފިޔަވައި މިތިބީ އެންމެން ހަމަ ވަރަށް އުފަލުންނެވެ.  

މިވާހަކަކޮޅުން ކިޔުންތެރިންނަށް ޢިބްރަތެއް ޙާޞިލުކުރެވިއްޖެނަމަ އަޅުގަނޑުގެ މަޤްޞަދު ޙާޞިލްކުރެވުނީއެވެ.

 

- އައިމިނަތު ރަޝީދާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން