ވަޠަނީ ޚިދުމަތުގެ ތިންވަނަ ބުރުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 43ސ
ވަޠަނީ ޚިދުމަތުގެ ތިންވަނަ ބުރުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ދިވެހި ވަޠަނީ ޚިދުމަތުން ކުރިއަށް ގެންދާ ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގެ ތިންވަނަ ބުރުގައި ބައިވެރިވުމުގެ ފުރުޞަތު ދިފާޢީ ވުޒާރާއިން މިއަދު ހުޅުވާލައިފިއެވެ. މި ޕްރޮގްރާމަކީ ރާއްޖޭގެ ޒުވާނުންގެ މުސްތަޤްބަލު ބިނާކުރުމަށާއި، ޤައުމީ ރޫޙާއި އިސްލާމީ އަޚްލާޤު ދިރުވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފެއްޓެވި މުހިންމު މަޝްރޫޢެކެވެ.

މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ އުމުރުން 16 އަހަރު ފުރި 28 އަހަރު ނުފުރޭ ދިވެހި ޒުވާނުންނަށެވެ. ނަމަވެސް، އުމުރުން 18 އަހަރު ނުފުރޭ ކުދިން މި ޚިދުމަތުގައި ބައިވެރިކުރެވޭނީ އެ ކުއްޖެއްގެ ޝަރުޢީ ނުވަތަ ޤާނޫނީ ބަލަދުވެރިޔާގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުމެއް އޮވެގެން ކަމަށް ދިފާޢީ ވުޒާރާއިން މަޢުލޫމާތު ދެއެވެ.

ތިން މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ތަމްރީން ޕްރޮގްރާމްގެ ތިންވަނަ ބުރު ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މެއި މަހުގެ ފަހު ހަފްތާގައެވެ. މި ޕްރޮގްރާމް ކުރިއަށްދާނީ ޅ. މާފިލާފުށީގައި ހުންނަ އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރެއިނިންގ ސެންޓަރުގައެވެ. ބައިވެރިން ހޮވުމުގައި އިންޓަވިއު، އެޕްޓިޓިއުޑް ޓެސްޓް، ފިޒިކަލް ސްކްރީނިންގ އަދި މެޑިކަލް ސްކްރީނިންގ ކުރިއަށް ގެންދާނެއެވެ.

މި ޕްރޮގްރާމަށް ހޮވޭ ފަރާތްތަކަށް ޚާއްޞަ އިނާޔަތްތަކެއް ދިނުމަށް ވަނީ ނިންމާފައެވެ. އެގޮތުން، ޚިދުމަތަށް އެންރޯލްކުރެވޭ ދުވަހުން ފެށިގެން އެލަވަންސެއް ދިނުމަށް ހަމަޖެހިފައިވާއިރު، ތަމްރީން ފުރިހަމަކުރުމުން ފަންނީ ތަމްރީނާއި ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން އަންނަ އޭޕްރީލް މަހުގެ 5 ވަނަ ދުވަހުގެ ކުރިން ފޯމު ހުށަހަޅަންޖެހެއެވެ. ފޯމު ހުށަހެޅޭނީ އީމެއިލް މެދުވެރިކޮށް [email protected] އަށް ނުވަތަ ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި ދިފާޢީ ވުޒާރާއަށެވެ. މި ޕްރޮގްރާމަކީ މިދިޔަ އަހަރުގެ އޮކްޓޫބަރު 1 ގައި ރަސްމީކޮށް އިފްތިތާހުކުރި ޕްރޮގްރާމެކެވެ.

މިއަދު އޮންލައިން