މިއަހަރުގެ ޝައްވާލް މަހުގެ ހަނދު ސާބިތުކުރުމުގެ ކަންކަން މި މަހުގެ 18ވަނަ ދުވަހުގެ ރޭ ކުރިއަށް ގެންދިއުމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ނިންމައިފިއެވެ. މިކަމާ ގުޅޭ އިންތިޒާމުތައް އެހެން އަހަރުތަކެކޭ އެއްގޮތަށް މިހާރު ވަނީ ހަމަޖައްސާފައެވެ.
ހަނދު ބެލުމުގެ ކަންކަން ކުރިއަށްދާނީ އެހެން އަހަރުތަކުގައިވެސް އަމަލުކުރަމުންދާ އުސޫލުގެ ތެރެއިންނެވެ. އެގޮތުން ހަނދު ބެލުމަށް ދިއުމާއި، ހަނދު ފެނުނު ކަމަށް ހެކިބަސް ދިނުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. ޑީޖޭއޭއިން ވިދާޅުވީ ޝައްވާލް މަހުގެ ހަނދު ސާބިތުކުރުމަށްޓަކައި ހެކިބަސް ދިނުމުގެ ހުރިހާ އިންތިޒާމެއް މިހާރު ފުރިހަމަކުރެވިފައިވާ ކަމަށެވެ.
ޑީޖޭއޭއިން ވިދާޅުވި ގޮތުގައި، ޝައްވާލް މަހުގެ ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާކުރަން ޖެހޭނީ މާލޭގައިނަމަ ކޯޓެއްގެ ގާޒީއެއްގެ ކުރިފުޅުމަތީގައެވެ. އަދި އަތޮޅުތެރޭގެ ރަށެއްގައިނަމަ، އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓުގެ ކުރިފުޅުމަތީގައި ހެކިބަސް ދިނުމުގެ ފުރުސަތު އޮންނާނެއެވެ.
މެޖިސްޓްރޭޓެއް ގާއިމުވެ ނެތް ރަށެއްގައިނަމަ، އެ ވަގުތަކު އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓާ ހަވާލުވެ ހުންނެވި މެޖިސްޓްރޭޓެއްގެ ކުރިފުޅުމަތީގައި ހެކިބަސް ދެވޭނެ ކަމަށްވެސް އެ އިދާރާއިން މައުލޫމާތު ދެއްވައެވެ.
ޝައްވާލް މަހުގެ ހަނދުގެ މައްސަލަ ވަކިގޮތަކަށް ނިމެންދެން، ރަމަޟާން މަހުގެ 29 ވާ 18 މާރިޗުވާ ހޯމަ ދުވަހުގެ ހަވީރު 5:30 އިން ފެށިގެން ކަމާގުޅޭ އިދާރާތައް ހުޅުވާފައި ހުންނާނެއެވެ. މީގެ ތެރޭގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި، ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާއި، ރަށު ކައުންސިލްގެ އިދާރާތަކުގެ އިތުރުން އަތޮޅު ކައުންސިލްގެ އިދާރާތައް ހިމެނެއެވެ.