ޑޮލަރުން ޓެކްސް ދެއްކި ނިސްބަތް 20 އިންސައްތަ އިތުރުވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 26ސ
ޑޮލަރުން ޓެކްސް ދެއްކި ނިސްބަތް 20 އިންސައްތަ އިތުރުވެއްޖެ

މިއަހަރުގެ ފެބްރުއަރީ މަހު ޑޮލަރުން ޓެކްސް ދެއްކި ނިސްބަތް މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 20 އިންސައްތަ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފިއެވެ. މީރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ފެބްރުއަރީ މަހު ޑޮލަރު އާމްދަނީގެ ގޮތުގައި ދައުލަތަށް ޖުމްލަ 126.85 މިލިޔަން ޑޮލަރު ލިބިފައިވެއެވެ.

މީރާގެ ހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ޑޮލަރު އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 137.72 މިލިޔަން ޑޮލަރެވެ. އެހެންކަމުން މިއަހަރު ލިބުނު ޖުމްލަ ޑޮލަރު އާމްދަނީއަކީ މިދިޔަ އަހަރާ އަޅާބަލާއިރު 7.9 އިންސައްތައިގެ ދަށްވުމެކެވެ. މިދިޔަ އަހަރަށް ވުރެ މިއަހަރު ޑޮލަރު އާމްދަނީ ދަށްވެފައިވަނީ ޓެކްސް ނޫން އާމްދަނީގެ ތެރެއިން ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި ލިބުނު މިންވަރު ދަށްވުމާ ގުޅިގެންނެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި 35 މިލިޔަން ޑޮލަރު ލިބިފައިވާއިރު، މިއަހަރުގެ އެ މުއްދަތުގައި ލިބިފައިވަނީ 5.9 މިލިޔަން ޑޮލަރެވެ. ނަމަވެސް، ޖުމްލަ ޑޮލަރު އާމްދަނީ ދަށްވި ނަމަވެސް، ޑޮލަރުން ޓެކްސް ދައްކާފައިވާ މިންވަރު ވަނީ ބޮޑުތަނުން އިތުރުވެފައެވެ.

ޑޮލަރުން ލިބުނު ޓެކްސް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޓީޖީއެސްޓީއެވެ. ޓީޖީއެސްޓީގެ ގޮތުގައި ފެބްރުއަރީ މަހު 75.2 މިލިޔަން ޑޮލަރު ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހާ އަޅާބަލާއިރު 25 އިންސައްތަ އިތުރު އަދަދެކެވެ. މީގެ އިތުރުން، ޓީޖީއެސްޓީގެ ގޮތުގައި ދިވެހި ރުފިޔާއިން 1.15 ބިލިޔަން ރުފިޔާ ލިބިފައިވާކަން މީރާގެ ރިޕޯޓުން ދައްކައެވެ.

މިއަދު އޮންލައިން