މިހާތަނަށް 2,270 ބަލިމީހުން އެއާ އެމްބިއުލާންސްގައި އުފުލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 25ސ
މިހާތަނަށް 2,270 ބަލިމީހުން އެއާ އެމްބިއުލާންސްގައި އުފުލައިފި

ސަރުކާރުން އަލަށް ތައާރަފުކުރި އެއާ އެމްބިއުލާންސްގެ ޚިދުމަތް މެދުވެރިކޮށް މިހާތަނަށް 2,270 ބަލިމީހުން ރައްކާތެރިކަމާއެކު އުފުލާފައިވާ ކަމަށް ސިއްޙީ ވުޒާރާއިން ހާމަކޮށްފިއެވެ. މި ޚިދުމަތަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުން ކުއްލި ހާލަތުގައި ބަލިމީހުން އުފުލުމަށް ޚާއްސަކޮށްގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ފެށި ޚިދުމަތެކެވެ.

14 ރަށަކަށް އެމްބިއުލާންސް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސިއްޙީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ގާސިމް ވިދާޅުވީ، ރާއްޖޭގެ ސިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް، ވަކިން ޚާއްސަކޮށް ބަލިމީހުން އެއްތަނުން އަނެއްތަނަށް އުފުލުމުގެ ނިޒާމު ހަރުދަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ.

އެއާ އެމްބިއުލާންސްގެ ޚިދުމަތުގެ ކާމިޔާބީއާ ގުޅޭގޮތުން ސްޓޭޓް މިނިސްޓަރ ވިދާޅުވީ، "ޚާއްސަގޮތެއްގައި އެއަރ އެމްބިއުލާންސްގެ ޚިދުމަތް ފެށި 1,755 ދަތުރުކޮށް 2,270 ބަލިމީހުން ރައްކާތެރިކަމާއިއެކު އުފުލިފައިވާކަން މިއީ ދިވެހި ރައްޔިތުންގެ ހިތްތަކަށް ލިބޭނެ ވަރަށް ބޮޑު ތަސައްލީއެއް."

މި ޚިދުމަތް ރަސްމީކޮށް ފަށާފައިވަނީ 1 މާރޗް 2024 ގައެވެ. މި ޚިދުމަތަށް އަހަރެއް ވެގެންދާއިރު، އެއާ އެމްބިއުލާންސްގައި މިހާރު ވަނީ ވެންޓިލޭޓަރާއި އިންކިއުބޭޓަރ އަދި ކުއްލި ހާލަތްތަކުގައި ބޭނުންވާނެ އެންމެ ޒަމާނީ ވަސީލަތްތައް ގާއިމުކޮށްފައެވެ.

މި ޚިދުމަތުގެ ސަބަބުން އަތޮޅުތަކުން މާލެއަށް ނުވަތަ އެހެން ސަރަހައްދީ ހޮސްޕިޓަލްތަކަށް ބަލިމީހުން އުފުލުމުގައި ހުރި ގޮންޖެހުންތަކަށް ބޮޑު ހައްލެއް ލިބި، ފުރާނަ ސަލާމަތްކުރުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ހަލުވިކަމެއް ލިބިފައިވާކަން ސަރުކާރުން ފާހަގަކުރެއެވެ.

މިއަދު އޮންލައިން