ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާނެ ތާރީހުތަކާ ގުޅޭގޮތުން ރައްޔިތުންގެ ހާއްސަ މަޖިލީހުގައި މީގެ ކުރިން ކުރެވުނު މުހިންމު ބަހުސްތަކާއި ނިންމުންތަކުގެ ތަފްސީލު، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މިއަދު ހާމަކުރައްވައިފިއެވެ. ނާޒިމް މި ތަފްސީލުތައް ހާމަކުރެއްވީ، ދެ އިންތިހާބު އެއްކޮށް ބޭއްވުމުގެ ބަހުސަކީ މުޅިން އަލަށް ކުރެވޭ ބަހުސެއް ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ސުވާލު އުފައްދާފައިވާ ދަނޑިވަޅެއްގައެވެ.
ނާޒިމް ވިދާޅުވި ގޮތުގައި، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުގެ ބަހުސަކީ މީގެ 18 އަހަރު ކުރިން ފެހި ޤާނޫނުއަސާސީ އެކުލަވައިލި ރައްޔިތުންގެ ހާއްސަ މަޖިލީހުގައި ބަހުސްކޮށް، ގޮތްތަކެއް ނިންމާފައިވާ ކަމެކެވެ. މިކަމާ ގުޅޭގޮތުން އެ މަޖިލީހަށް ތިން ހުށަހެޅުމެއް ހުށަހެޅި، އެކަމަށް ގޮތްތަކެއް ނިންމާފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އެގޮތުން އެކަމާ ގުޅޭގޮތުން ހާއްސަ މަޖިލީހަށް އިސްލާހުތައް ހުށަހެޅުއްވީ މާލޭ މެންބަރު އިބްރާހީމް އިސްމާއީލާއި، މާޅޮސްމަޑުލު އުތުރުބުރީ މެންބަރު އަލީ ވަހީދާއި، އެ ދާއިރާގެ މެންބަރު ޝާހީން ހަމީދު ކަމަށް ނާޒިމް ވިދާޅުވިއެވެ. ނާޒިމް ވަނީ މި ހުށަހެޅުންތައް ހިމެނޭ ރައްޔިތުންގެ ހާއްސަ މަޖިލީހުގެ 257 ވަނަ ޖަލްސާގެ ކަރުދާސްތަކުގެ ފޮޓޯތައް ވެސް އާންމުކުރައްވާފައެވެ.
އާންމުކުރެއްވި ލިޔުންތަކުން އެނގޭ ގޮތުގައި، 23 މާޗު 2008 ގައި ހުށަހެޅި އިސްލާހެއްގައި ބަޔާންކޮށްފައި ވަނީ "ދެން އެންމެ އަވަހަށް އޮންނަ ރިޔާސީ އިންތިހާބަކާއި ރައްޔިތުންގެ މަޖިލީހުގެ އާންމު އިންތިހާބު ބާއްވާނީ އެކުއެކީގައި" ކަމަށެވެ. އަދި މި ދެ އިންތިހާބު ބާއްވާނީ ގާނޫނުއަސާސީއަށް އަމަލު ކުރަން ފަށާ ދުވަހުން ފެށިގެން ހަ މަހާއި އަށް މަހާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި ކަމަށް ވެސް އެ ހުށަހެޅުމުގައިވެއެވެ.
މީގެ އިތުރުން، އިންތިގާލީ ކަންތައްތަކާ ބެހޭ ބާބުގެ ގޮތުގައި އަލީ ވަހީދު ހުށަހަޅުއްވައި ރިޔާޟް ރަޝީދު ތާއީދު ކުރެއްވި ހުށަހެޅުމެއްގައި ވެސް ވަނީ ދެ އިންތިހާބު އެކުގައި ބޭއްވުމަށް ބަޔާންކޮށްފައެވެ. ހަމައެހެންމެ، 30 މާޗުގައި ޝާހީން ހަމީދު ހުށަހަޅުއްވައި އަހުމަދު މުއިއްޒު ތާއީދު ކުރެއްވި ހުށަހެޅުމުގައި ވެސް ވަނީ ގާނޫނުއަސާސީއަށް އަމަލު ކުރަން ފަށާ ތާރީހުން ފެށިގެން ހަ މަހާއި އަށް މަސް ދުވަހުގެ ތެރޭގައި ދެ އިންތިހާބު އެކުގައި ބާއްވަން ޖެހޭނެ ކަމަށެވެ.
ނާޒިމް މި ތަފްސީލުތައް ހާމަކުރައްވާފައި މިވަނީ، ރާއްޖޭގައި ބާއްވާ ބޮޑެތި އިންތިހާބުތައް އެއްކޮށްލައިގެން ބޭއްވުމުގެ މަޝްވަރާތައް ސަރުކާރުން ފަށާފައިވާ ދަނޑިވަޅެއްގައެވެ. މީގެ ބޭނުމަކީ އިންތިހާބުތަކަށް ހިނގާ ހަރަދު ކުޑަކުރުން ކަމަށް ސަރުކާރުން ބުނެއެވެ.