ސައުތް އޭޝިއަން ކޮލިޓީ އެޝުއަރެންސް ސިސްޓަމްގެ ދަށުން ވިލާ ކޮލެޖުގެ ބިޒްނަސް ސުކޫލު އެކްރެޑިޓުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 56ސ
ސައުތް އޭޝިއަން ކޮލިޓީ އެޝުއަރެންސް ސިސްޓަމްގެ ދަށުން ވިލާ ކޮލެޖުގެ ބިޒްނަސް ސުކޫލު އެކްރެޑިޓުކޮށްފި

ސައުތް އޭޝިއަން ކޮލިޓީ އެޝުއަރެންސް ސިސްޓަމްގެ ދަށުން ވިލާ ކޮލެޖުގެ ބިޒްނަސް ސުކޫލު އެކްރެޑިޓުކޮށްފިއެވެ. ވިލާ ކޮލެޖުގެ ދަށުން ހިންގާ ޤާސިމް އިބްރާހިމް ސްކޫލް އޮފް ބިޒްނަސް އަކީ މި އެކްރެޑިޓޭޝަން ހާސިލުކުރި ރާއްޖޭގެ ފުރަތަމަ މަތީ ތައުލީމީ މުއައްސަސާކަމަށް އެ ކޮލެޖުން ބުނެއެވެ.

މި ކާމިޔާބީއާ ގުޅޭގޮތުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަދައްކަވަމުން ވިލާ ކޮލެޖުގެ ވައިސް ރެކްޓަރ އަލީ ނަޖީބު ވިދާޅުވީ، މިއީ ދިވެހިރާއްޖެއަށާއި ރާއްޖޭގެ މަތީ ތަޢުލީމުގެ ނިޒާމަށް ލިބިގެންދިޔަ ވަރަށް ބޮޑު ފަޚުރެއް ކަމަށެވެ. އަދި މިއީ ބައިނަލްއަގުވާމީ ފެންވަރުގައި ތައުލީމު ފުޅާކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

އަލީ ނަޖީބު ވިދާޅުވި ގޮތުގައި، މި އެކްރެޑިޓޭޝަން ދިނުމުގެ ކުރިން ކުރިއަށްގެންދިޔަ ރިވިއު މަރުހަލާގައި ކޮލެޖު ހިންގުމުގެ ސިޔާސަތުތަކާއި، ކިޔަވައިދިނުމާއި އުނގަންނައިދިނުމުގެ އުސޫލުތައް ވަނީ ބަލާފައެވެ. މީގެ އިތުރުން މަންހަޖުތައް ފަރުމާކޮށް މުރާޖައާ ކުރުމުގެ އުސޫލުތަކާއި، ކޮލެޖުގެ އެތެރޭގެ ފެންވަރު ކަށަވަރުކުރުމުގެ އިންތިޒާމުތައް ބަލައި، އެކަންކަން ހުރީ ވަރަށް ރަނގަޅު ފެންވަރެއްގައިކަން އެފަރާތުން ފާހަގަކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި އެކްރެޑިޓޭޝަންގެ ދަށުން ބިޒްނަސް ސުކޫލުން ހިންގާ ޖުމްލަ 13 ޕްރޮގްރާމެއް ވަނީ އެކްރެޑިޓުކުރެވިފައެވެ. އޭގެ ތެރޭގައި ހިމެނެނީ ބިޒްނަސް އެންޑް މެނޭޖްމަންޓް ދާއިރާގެ މާސްޓަރސް ފެންވަރުގެ 5 ޕްރޮގްރާމާއި ބެޗްލަރސް ފެންވަރުގެ 8 ޕްރޮގްރާމެވެ. މީގެ ސަބަބުން ކިއު.އައި.އެސް.ބީ އަށް "އެސްއޭކިއުއެސް އެކްރެޑިޓެޑް" ކޮލިޓީ ލޭބަލް ބޭނުންކުރުމުގެ ހުއްދަ ލިބިގެންދާނެއެވެ.

"މިކަމުގެ ސަބަބުން ސަރަހައްދީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަންނަ ތަނަކަށް ވިލާ ކޮލެޖު ވެގެންދާނެ. އަދި ދަރިވަރުންގެ ހުނަރުތައް ތަރައްގީވެ ދިރާސާތައް ފުޅީކުރެވި ގެންދާ ހަރަކާތްތަކުގެ ފެނަވަރު ރަނގަޅުވެގެންދާނެ،" އަލީ ނަޖީބު ވިދާޅުވިއެވެ.

ވިލާ ކޮލެޖުން ބުނީ މި އެކްރެޑިޓޭޝަނާއެކު އެ ކޮލެޖަކީ ދުނިޔޭގެ ފެންވަރުގައި ބަލައިގަންނަ، ފެންވަރު ރަނގަޅު ތައުލީމެއް ފޯރުކޮށްދޭ މުއައްސަސާއެއްގެ ގޮތުގައި ކަށަވަރުވެގެން ގޮސްފައިވާ ކަމަށެވެ. މިއީ ރާއްޖޭގެ މަތީ ތައުލީމު ފުޅާކުރުމަށް ލިބިގެންދިޔަ ވަރަށް ފަހި ފުރުސަތެއްގެ ގޮތުގައި އެ ކޮލެޖުން ދެކެއެވެ.

މިއަދު އޮންލައިން