އީރާނަށް ދެމުންދާ ހަމަލާތަކާއި، ގަލްފް ގައުމުތަކަށް ދެމުންދާ ހަމަލާތައް ރާއްޖެއިން ކުށްވެރިކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 25ސ
އީރާނަށް ދެމުންދާ ހަމަލާތަކާއި، ގަލްފް ގައުމުތަކަށް ދެމުންދާ ހަމަލާތައް ރާއްޖެއިން ކުށްވެރިކޮށްފި

އިސްރާއީލާއި އެމެރިކާއިން އީރާނަށް ދެމުންދާ ހަމަލާތަކާއި، ގަލްފް ގައުމުތަކަށް އީރާނުން ދެމުންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

މިކަމާ ގުޅިގެން މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، އީރާނުން ސައުދީ އަރަބިއްޔާ، ޔޫއޭއީ، ގަތަރު، ކުވެއިތު، ބަހްރައިން އަދި އެހެނިހެން އަޚުވަންތަ ގައުމުތަކަށް ދެމުންދާ ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރި ކުރާ ކަމަށެވެ. ވަކިން ހާއްސަކޮށް، ގަލްފު ސަރަހައްދުގެ ވައިގެ ބަނދަރުތަކާއި ތެޔޮ އުފައްދާ ވަސީލަތްތައް ހިމެނޭހެން، އާންމުން ދިރިއުޅޭ ތަންތަނަށް އަމާޒުކޮށް ދޭ ހަމަލާތަކާމެދު ރާއްޖެއިން ނުހަނު ކަންބޮޑުވާކަން ވަނީ ހާމަކޮށްފައެވެ.

ދިވެހި ސަރުކާރުން ފާހަގަކުރެއްވި ގޮތުގައި މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ޖެނީވާ ކޮންވެންޝަންތަކާ ސާފުކޮށް ހިލާފު އަމަލުތަކެކެވެ. މީގެ އިތުރުން، ގަލްފުގެ ގައުމުތަކުން އެއްވެސް ބަދަލުހިފުމުގެ އަމަލެއް ހިންގާފައި ނުވަނިކޮށް، އީރާނުން އެ ގައުމުތަކަށް ހަމަލާދެމުންދާތީ އެކަމާ ހިތާމަކުރާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

މެދުއިރުމަތީގެ ހާލަތު ދުވަހުން ދުވަހަށް ގޯސްވަމުންދާތީ ކަންބޮޑުވުން ފާޅުކުރަމުން، އީރާންގެ އަންހެން ކުދިންގެ ސްކޫލަކަށް ދިން ހަމަލާގައި އެތައް ސަތޭކަ ކުދިންނެއްގެ ފުރާނަ ގެއްލިފައިވާތީ އެކަމަށް ރާއްޖެއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ހުރިހާ ފަރާތްތަކަކުންވެސް ވަގުތުން ހަމަލާތައް ހުއްޓާލުމަށް ރާއްޖޭން ވަނީ ގޮވާލައިފައެވެ.

ރާއްޖެއިން މި ބަޔާނުގައި ވަނީ ބައިނަލްއަގުވާމީ މުޖުތަމައުން ޑިޕްލޮމެޓިކް މަސައްކަތް ފުޅާ ކުރުމަށާއި، ގަލްފު ސަރަހައްދުގައި ސުލްހަ ގާއިމުކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށްވެސް އިލްތިމާސްކޮށްފައެވެ.

މިއަދު އޮންލައިން