އީދު ދުވަހު ސަލްޓަން ޕާކު ހުޅުވައި އީދު ހަވީރުގެ ހަރަކާތްތައް ތިން ދުވަހަށް ކުރިޔަށްގެންދަން ނިންމައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 38ސ
އީދު ދުވަހު ސަލްޓަން ޕާކު ހުޅުވައި އީދު ހަވީރުގެ ހަރަކާތްތައް ތިން ދުވަހަށް ކުރިޔަށްގެންދަން ނިންމައިފި

މިއަހަރުގެ ފިތުރު އީދާ ދިމާކޮށް ސަލްޓަން ޕާކު އަލުން ހުޅުވައި، އީދު ހަވީރުގެ ހަރަކާތްތައް ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވެއްޖެއެވެ. މި ނިންމުމާއެކު އީދު ދުވަހުން ފެށިގެން އާންމުންނަށް ސަލްޓަން ޕާކު ބޭނުންކުރެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.

އެމްއެންޑީއެފުން ހާމަކުރެއްވި ގޮތުގައި، އީދުގެ އުފާ ފާޅުކުރުމުގެ ގޮތުން ބާއްވާ ޚާއްސަ "އީދު ހަވީރު" ގެ ހަރަކާތްތައް ސަލްޓަން ޕާކުގައިވެސް ކުރިއަށްދާނެއެވެ. މި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އީދު ދުވަހުން ފެށިގެން ތިން ދުވަހުގެ މުއްދަތަށެވެ. ކޮންމެ ދުވަހެއްގެވެސް ހަވީރު 16:00 އިން 18:00 އަށް މި ހަރަކާތްތައް ކުރިއަށްދާނެ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއްވައެވެ.

ސަލްޓަން ޕާކާއި، ޖުމްހޫރީ މައިދާން އަދި ސުނާމީ ބިނާ ސަރަހައްދު ޒަމާނީ ފެންވަރަށް ތަރައްޤީކޮށް މަރާމާތު ކުރުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އޮގަސްޓު މަހުގެ ތެރޭގައެވެ. މި މަސައްކަތްތަކަށް އެ ސަރަހައްދުތައް އާންމުންނަށް ނުވަދެވޭ ގޮތަށް ބަންދުކޮށްފައި އޮތުމަށްފަހު، އީދަށް މިވަނީ އަލުން ހުޅުވާލަން ތައްޔާރުވެފައެވެ.

ކުރިން ސަލްޓަން ޕާކާއި ސުނާމީ ބިނާ ހުޅުވުމަށް ތާވަލުކޮށްފައި އޮތީ އީދު ބަންދަށް ފަހުގައި ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ތަންތަނުގެ މަސައްކަތް އީދު ދުވަހުގެ ނިޔަލަށް ނިންމުމަށް ބާރުއަޅުއްވާފައެވެ. "ސަލްޓަން ޕާކް އަދި ސުނާމީ ބިނާގެ މަސައްކަތް އީދު ދުވަހުގެ ނިޔަލަށް ނިންމަން މަސައްކަތް ކުރަމުންދާ ކަމަށް" ރައީސުލްޖުމްހޫރިއްޔާ ކުރިން ވަނީ ވިދާޅުވެފައެވެ.

މި ސަރަހައްދުތައް އަލުން ހުޅުވިގެން ދިއުމަކީ އީދު ބަންދުގެ ތެރޭގައި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށާއި ކުޑަކުދިންނަށް އުފާވެރި މާހައުލެއްގައި ވަގުތު ހޭދަކުރުމަށް ލިބިގެންދާނެ ބޮޑު ފުރުސަތެކެވެ.

މިއަދު އޮންލައިން