ދިގުރަށުގައި ކަރަންޓުގެ ޒަމާނީ ވިއުގައެއް ޤާއިމުކުރުމުގެ މަސައްކަތް ސްޓެލްކޯއިން ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 29ސ
ދިގުރަށުގައި ކަރަންޓުގެ ޒަމާނީ ވިއުގައެއް ޤާއިމުކުރުމުގެ މަސައްކަތް ސްޓެލްކޯއިން ފަށައިފި


އދ. ދިގުރަށުގައި ކަރަންޓުގެ ޔަގީންކަން ކަށަވަރުކުރުމަށްޓަކައި، ޒަމާނީ ފެންވަރުގެ ކަރަންޓު ވިއުގައެއް ޤާއިމުކުރުމުގެ އަމަލީ މަސައްކަތް ސްޓެލްކޯއިން ފަށައިފިއެވެ.

ސްޓެލްކޯއިން މަޢުލޫމާތު ދެއްވި ގޮތުގައި، ދިގުރަށަށް އަންނަމުންދާ ހަލުވި އުމްރާނީ ތަރައްޤީއާ އެއްވަރަށް ރަށުގެ ކަރަންޓު ވިއުގަ ފުޅާކޮށް ވަރުގަދަކުރުމަކީ މި މަޝްރޫޢުގެ މައިގަނޑު ބޭނުމެވެ. މިގޮތުން ކުރިއަށްގެންދާ "ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑިންގ" މަސައްކަތުގެ ދަށުން، އަލަށް ޤާއިމުކުރާ މީޑިއަމް ވޯލްޓޭޖް ނެޓްވޯކް އެޅުމުގެ މަސައްކަތް މިހާރު ދަނީ ބާރުސްޕީޑުގައި ކުރިއަށެވެ.

މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، 1500 ކޭ.ވީ.އޭގެ އަޕްސްޓްރީމް ކެޕޭސިޓީ ޤާއިމުކުރުމުގެ މަސައްކަތާއި، ރަށުގައި އައު ސަބްސްޓޭޝަނެއް ބެހެއްޓުމުގެ މަސައްކަތް މިހާރު ނިމުމަކާ ގާތްވެފައިވާ ކަމަށް އެ ކުންފުނިން ވިދާޅުވިއެވެ. ސްޓެލްކޯގެ އަމާޒަކީ ކުރިއަށް އޮތް ހަފުތާގެ ތެރޭގައި މި ހުރިހާ މަސައްކަތްތަކެއް އެއްކޮށް ނިންމާލުމެވެ.

މި އައު ވިއުގައާއެކު ދިގުރަށުގެ ރައްޔިތުންނަށް ދެމެހެއްޓެނިވި އަދި އިތުބާރުހުރި ކަރަންޓުގެ ޚިދުމަތެއް ލިބިގެންދާނެއެވެ. މިއީ ރަށުގެ ތަރައްޤީއަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސްޓެލްކޯއިން ފާހަގަކުރެއެވެ.

ދިގުރަށަކީ ގާތްގަނޑަކަށް 600 އެއްހައި މީހުންގެ އާބާދީއެއް އޮންނަ، ގުދުރަތީ ރީތިކަން ލިބިފައިވާ ރަށެކެވެ. ވަކިން ހާއްސަކޮށް، ރަށު ފަތުރުވެރިކަން ފުޅާދާއިރާއެއްގައި ކުރަމުން އަންނަ މި ރަށުގައި މިހާރުވެސް 14 އަށްވުރެ ގިނަ ގެސްޓްހައުސް ހިންގަމުންދެއެވެ. އެހެންކަމުން، ކަރަންޓުގެ ޚިދުމަތް އިތުރަށް ފުރިހަމަވެގެން ދިއުމަކީ ރަށުގެ އާންމު ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔަކަށް ވެގެންދާނެއެވެ.

މިއަދު އޮންލައިން