ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ތަޢީދުކުރާކަން، މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދު އިސްކޮށް ހުންނަވާ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ހާމަކޮށްފިއެވެ.
އެމްޑީއޭއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ދެ އިންތިޚާބު އެއްކޮށް ބޭއްވުމަކީ ރާއްޖޭގެ އިޤްތިޞާދީ ޙާލަތަށާއި ޤައުމުގެ ސުލްޙަމަސަލަސްކަމަށް ރިޢާޔަތްކޮށް، ދިވެހި ދަޢުލަތަށާއި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތްކަމަށް އެ ޕާޓީން ދެކޭކަމަށެވެ. އަދި މި ނިންމުމަށް އެ ޕާޓީން ފުރިހަމައަށް ތާޢީދުކުރާކަން ވަނީ ހާމަކޮށްފައެވެ.
އެ ޕާޓީގެ ރައީސް އަޙްމަދު ސިޔާމް މުޙައްމަދަކީ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށާއި، އިޤްތިޞާދީ ގޮންޖެހުންތަކުން އަރައިގަތުމަށް ބޭނުންވާ ޒިންމާދާރު ސިޔާސަތުތައް އެކަށައެޅުމަށް ވަކާލާތުކުރާ ބޭފުޅެއްކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ޙައިސިއްޔަތުންނާއި ރާއްޖޭގެ ވިޔަފާރިވެރިއެއްގެ ޙައިސިއްޔަތުން، ސިޔާމް އަބަދުވެސް އިސްކަން ދެއްވަނީ ޤައުމުގެ އިޤްތީޞާދީ ހަމަޖެހުމާއި އިޖުތިމާޢީ ބަދަހިކަމަށް ކަމަށްވެސް އެމްޑީއޭއިން ބުނެއެވެ.
އިންތިޚާބުތައް އެއް ދުވަހެއްގައި ބޭއްވުމަކީ ދަޢުލަތުގެ ޚަރަދުތައް ކުޑަކުރުމަށާއި ދަރަނި މެނޭޖުކުރުމަށް ލިބޭނެ ވަރަށް ބޮޑު ލުޔެއްކަމަށް ސަރުކާރުން ބުނާ ބުނުމަށް އެމްޑީއޭއިން ވަނީ އިޢުތިރާފުވެފައެވެ. މިއީ އިޤްތިޞާދު ދެމެހެއްޓުމަށާއި ޤައުމުގެ ކުރިއެރުމަށް އެޅޭ މުހިންމު ފިޔަވަޅަކަށްވާތީ، މިކަމުގައި ރައްޔިތުންގެ ޚިޔާލު ހޯދުމަށް ސަރުކާރުން ނިންމެވި ނިންމެވުމަށް އެ ޕާޓީން ވަނީ މަރުޚަބާ ކިޔާފައެވެ.
އެމްޑީއޭގެ ބަޔާން ނިންމާލަމުން ވަނީ، ދަޢުލަތުގެ ޚަރަދުތައް ކުޑަކޮށް، އިޤްތިޞާދު ވަރުގަދަކުރުމުގައި ދަޢުލަތުގެ ހުރިހައި މުވައްސަސާތަކުން ގުޅިގެން މަސައްކަތްކުރުމަށް ގޮވާލާފައެވެ.